ކަތްމަންޑޫ (ނޮވެމްބަރު 26): ނޭޕާލުގައި ބޭއްވި އާއްމު އިންތިޚާބު، އެޤައުމުގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީކަމަށްވާ "ނޭޕާލީ ކޮންގްރެސް" ކާމިޔާބު ކުރާނެކަމުގެ ޚަބަރު ލިބިއްޖެ އެވެ.

މިމަހުގެ 19 ދުވަހު ނޭޕާލުގައި ބޭއްވި އާއްމު އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕާލަމެންޓަށްސީދާ ގޮތެއްގައި ރައްޔިތުންގެ ފަރާތުން އިންތިޚާބް ކުރުމަށް ހަމަޖެހިފައިވާ 240 މެންބަރުންގެ ތެރެއިން 105 މެންބަރުން އެ ޕާޓީގެ ޓިކެޓްގައި ވަނީ އިންތިޚާބު ކާމިޔާބުކޮށްފަ އެވެ. މިއިންތިޚާބުގެ "ނޭޕާލީ ކޮންގްރެސް" އާ އެންމެ ގާތުން ވާދަކުރި "ޔުނައިޓެޑް ކޮމިއުނިސްޓް ޕާޓީ"ގެ ޓިކެޓްގައި ނުކުތް ބޭފުޅުންގެ ތެރެއިން 91 ބޭފުޅަކު ވަނީ އިންތިޚާބު ކާމިޔާބުކުރައްވައިގެން މި 91 ގޮނޑި ހޯއްދަވާފަ އެވެ. މިއަށް ވުރެ ގިނަ ގޮނޑި އިތުރު ޕާޓީއަކަށް ކާމިޔާބުކުރެވިފައި ނުވާތީ ނޭޕާލުގައި އުފައްދާނެ ކަމަށް ބެލެވޭ ކޯލިޝަން ސަރުކާރު ލީޑްކުރާނީ "ނޭޕާލީ ކޮންގްރެސް"ކަން ވަނީ ގާތްގަނޑަކަށް ކަށަވަރު ވެފަ އެވެ.

ނޭޕާލްގެ އިންތިޚާބާ ބެހޭ ކޮމިޝަނާ ޙަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ނޭޕާލުގެ ޕާލަމެންޓަށް (ޤާނޫނު ހަދާ މަޖިލީހަށް) މެމްބަރުން އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބްގެ ދާއިމީ ނަތީޖާ އިއްލާން ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މާއޮއިސްޓުންގެ ލީޑާ ޕުޝްޕާ ކަމާލް ދަހާލް އަށް ވަނީ ކުރިމަތިލެއްވި ގޮނޑި ގެއްލިފަ އެވެ. ޕުޝްޕާ އިންތިޚާބުގައި ނާކާމިޔާބު ވެވަޑައިގަތުމުން މާއޮއިސްޓުން ވަނީ އިންތިޚާބްގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންތިޚާބުގެ ނަތީޖާ ޤަބޫލު ކުރުމަށް ދެކޮޅު ހަދާފަ އެވެ. (ރޮއިޓާސް)