އއ. ރަސްދޫގައި ކުޑަ އަންހެން ކުއްޖަކަށް ހަމަލަދީ އެ ކުއްޖާގެ ގައިގައި ދަތްއެޅި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ހަމަލަދިނުމާއި ގުޅިގެން މިދިޔަ އާދީއްތަ ދުވަހުގެ ރޭ 11:40 ހާއިރު 20 އަހަރުގެ ފިރިހެނަކު އެ ރަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގައި 14 އަހަރުގެ އަންހެން ކުއްޖާގެ ގައިގައި ދަތް އަޅާފައި ހުރި ތަންތަން ނޫފައިގެންފައިވާއިރު، އެކުއްޖާގެ ލޯކައިރިން ތަންގަޑެއް ދުޅަވެފައި ހުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ނަމަވެސް އެ މާރަމާރީ ހިނގަން ދިމާވީ ކީއްވެގެން ކަމެއް ފުލުހުން ނުބުންޏެވެ.

އަނިޔާވި އަންހެން ކުއްޖާއަށް އއ. އަތޮޅު ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

އެމާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހަށް ޖަހައިދީފަ އެވެ.