26 Nov 2013, 10:18
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ކެބިނެޓަށް އައްޔަން ކުރެއްވި ހަ ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
އާ ސަރުކާރުގެ ކެބިނެޓްގެ ފަސް ވަޒީރަކަށް ރުހުން ދިނުމުގެ މައްސަލަ ވެސް ވަނީ ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީ އަށް އިއްޔެ ފޮނުވާފަ އެވެ.
މަޖިލީހުން ރުހުން ދިނުމުގެ ކުރިން ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް މަޖިލީހުގެ ތަޅުމުން ފޮނުވި ނަންތަކަކީ ހޯމް މިނިސްޓަރު ކަމަށް ހަމަޖެއްސި އުމަރު ނަސީރާއި އިސްލާމިކް މިނިސްޓަރު ކަމަށް ހަމަޖެއްސި ޑރ. މުހަންމަދު ޝަހީމް އަލީ ސައީދާއި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޑރ. މުހަންމަދު ޝައިނީ އާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ.
ރައީސް ޔާމިންގެ ކެބިނެޓަށް އައްޔަން ކުރެއްވި 11 ވަޒީރަކަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ފޮނުވާފައިވާ އިރު، ކެބިނެޓްގެ ހަތަރު ވަޒީރަކަށް ރުހުން ދިނުމުގެ މައްސަލަ އަދި މަޖިލީހަށް ނުފޮނުވަ އެވެ.
ރުހުން ހޯދަން މަޖިލީހަށް ނުފޮނުވާ ނަންފުޅުތަކަކީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި ހެލްތު އެންޑް ޖެންޑާ ޑރ. މަރްޔަމް ޝަކީލާ އާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުރުން އެޓާނީ ޖެނަރަލް މުހައްމަދު އަނިލްގެ ނަންފުޅެވެ.