06 Dec 2010, 14:25
އަލްގައިދާގެ ހަރަކާތްތައް ރާއްޖޭގައި ފުޅާދާއިރާއެއްގައި ހިންގާ ކަމަށް ބުނާ ހަތަރު މީހެއްގެ ނަން ވިކިލީކްސް އިން ފަޅާއަރުވާލި އެމެރިކާގެ ހާރިޖިއްޔާގެ ސިއްރު ލިއުންތަކުން ހާމަވެއްޖެ އެވެ.
ވިކިލީކްސް އިން ލީކްކޮށްލި އެ ސިއްރު ޑޮކިއުމަންޓުގައި ވާ ގޮތުން ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ލަޝްކަރީ ތޮއިބާ އަށާއި ކަޝްމީރަށް އަސްކަރީ ތަމްރީނުތައް ހޯދުމަށް ދިވެހިން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ އަހުމަދު ޒަކީ ކިޔާ ދިވެއްސެކެވެ. އޭނާގެ އިތުރުން ޔޫސުފު އިއްޒުއްދީ އާއި އީސާ އަލީ އާއި ހަސްނައިނު އަބްދުލްހަމީދު ކިޔާ ބަޔަކު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އަލްގައިދާގެ ހަރަކާތްތައް ހިންގާ ކަމަށް އެ ލިޔުމުގައިވެ އެވެ.
އެ ސިއްރު ލިޔުން ބުނާ ގޮތުން އެ ހަތަރު މީހުންގެ ތަހުގީގު މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރިއަށްގެންގޮސްފައިވާ ކަމަށްވެ އެވެ.
އެމެރިކާގެ ހާރިޖިއްޔާ އިން 2008 ވަނަ އަހަރުގެ ނޮވެމްބަރު 11ގައި ތައްޔާރު ކުރި އެ ލިޔުމުގައިވާ ގޮތުން އިއްޒައްދީ އަކީ ޕާކިސްތާނުގެ އަވަށެއް ކަމަށްވާ ވަޒަރިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުންގެ ހަތިޔާރު އެޅި ގުރޫޕަކާ ގުޅިގެން ޓެރަރިސްޓް ޖަމާއަތެއް ރާއްޖޭގައި އުފައްދަން މަސައްކަތް ކުރަމުން ގެންދާ މީހެއް ކަމަށާއި ދިވެހި ކުދިން ޖިހާދު ކުރުމަށް ވަޒަރިސްތާނަށް ފޮނުވަނީ ވެސް އިއްޒުއްދީން ކަމަށެވެ.
އެ ހަތަރު މީހުންގެ ތެރޭގައި ހިމެނޭ ހަމީދު އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޖަމިއިއްޔަތުން މުސްލިމީން ކިޔާ ޖަމާއަތަކާ ވަރަށް ބޮޑަތި ގުޅުންތަކެއް ބާއްވަމުންދާ މީހެއް ކަމަށާއި ޕާކިސްތާނުގެ ލަޝްކަރީ ތޮއިބާގައި އަސްކަރީ ތަމްރީންތަކެއް އޭނާ ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެ ލިޔުމުގައިވެ އެވެ.
އިނގިރޭސި ވިލާތުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއާތެއް ކަމަށްވާ ޖަމްއިއްޔަތުލް މުސްލިމޫން އާ ގުޅުން ހުރި ބައެއް މީހުން 2006 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އިތުރުވަމުން އަންނަ ކަމަށާއި ޖިހާދަށް ހިތްވަރުދޭ އިންޓަނެޓުގެ ފޯރަމްތަކުގައި ދިވެހިން ބައިވެރި ވަމުން އަންނަ ކަމަށް ވެސް އެ ޑޮކިއުމަންޓް ބުނެ އެވެ.
ސަލްޓަންޕާކުގައި ގޮއްވާލި ބޮމާއި އަދި ހިމަންދޫގެ މައްސަލަ އާ އެ މީހުންނާ ގުޅުމެއް ވާކަމަށް ވެސް އެ ލިޔުމުގައިވެ އެވެ.