ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަހުމަދު މުއިއްޒު އިސްތިއުފާ ދެއްވާފައިވާތީ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައްވައިފި އެވެ.

ސަރުކާރުގެ ގެޒެޓްގައި ރައީސް އޮފީހުން މިއަދު ޝާއިއުކޮށްފައި ވަނީ ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ޕީޖީގެ މަގާމަށް ޢައްޔަންކުރާ މީހެއްގެ ކިބައިގައި ފުރިހަމަވާން ޖެހޭނެ ކަންތައްތައް ގެޒެޓްގައި މިއަދު ވަނީ ޝާއިއުކޮށްފައިވެ އެވެ.

އެގޮތުން އެ މަގާމަށް ކުރިމަތިލާ މީހަކު ޝަރުއީ ނުވަތަ ގާނޫނީ ދާއިރާއާ ގުޅުން ހުރި މަސައްކަތް ކުރާ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ނުވަތަ މިނޫންވެސް އެފަދަ ތަނެއްގައި ހިއްސާއެއް ނުވަތަ މަގާމެއް އޮތް މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށާއި ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީއެއް ލިބިފައި ވުމާއި ޝަރުއީ ނުވަތަ ގާނޫނީ ދާއިރާގައި ރާއްޖޭގައި މަސައްކަތް ކުރާތާ މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައި ވާންޖެހޭނެ ކަމަށެވެ.

ގާނޫނު ބުނާ ގޮތުން ޕީޖީގެ މަގާމަށް ކުރިމަތިލާ މީހަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައިވެގެން ނުވާނެ ކަމަށާއި ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިވެގެން ނުވާނެ އެވެ.

ރައީސް އޮފީހުން ބުނީ ޕީޖީގެ މަގާމަށް ކުރިމަތިލުމަށް އެދޭފޯމާއިއިޤްރާރު ދޫކުރުމާއި، ފޯމާއިއިޤްރާރުއެ އޮފީހުން ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 8.00 އިން މެންދުރުފަހު 3.30 އަށެވެ.