26 Nov 2013, 09:35
ޔުކްރެއިނުން ވިލާތުގެ އިއްތިހާދު (އީޔޫ) އާއެކު ދެ އެއްބަސްވުމެއްގައި ސޮއި ކުރާން ހުށަހެޅިފައި ވާ ދަނޑިވަޅެއްގައި، އެ އެއްބަސްވުންތަކުގައި ސޮއި ނުކުރާން ރަޝިއާ އިން ޔުކްރެއިނަށް ނަސޭހަތްތެރިވެ ފިއްތުންތައް ކުރިމަތި ކުރަމުން ގެންދާތީ އީޔޫގެ އިސް ދެ އޮފިޝަލަކު ރަޝިއާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޔުކްރެއިނާއި އީޔޫގެ އޮފިޝަލުންގެ މަޝްވަރާތަކަށް ފަހު ރޭވިފައި ވަނީ ވިޔަފާރީގެ އެއްބަސްވުމަކާއި އެހެނިހެން އެކިއެކި މައިދާންތަކުގައި އެއްބާރުލުމުގެ އެއްބަސްވުމެއްގައި މި ހަފުތާގެ ތެރޭގައި ސޮއި ކުރުމަށެވެ. ރަޝިއާ ސަރުކާރުން ގެންދަނީ މި އެއްބަސްވުންތަކުގައި ސޮއިކޮށް އީޔޫއާ އެކު ގުޅުންތައް ބަދަހި ކުރުމުގެ ބަދަލުގައި، ރަޝިއާއާ އެކު އޮތް ގުޅުންތައް އިތުރަށް ވަރުގަދަ ކުރާން ޔުކްރެއިނަށް ބާރު އަޅަމުންނެވެ.
އީޔޫއާ ގުޅުން ބަދަހި ކުރާން އެދޭ ރައްޔިތުންނާއި ސިޔާސީ އިދިކޮޅު ފަރާތްތަކުން ޔުކްރެއިނުގެ ވެރިރަށް ކިއެވްގައި ބާއްވަމުންދާ މުޒާހަރާތަކުގައި، މުޒާހަރާ ކުރާ މީހުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފައި ވަނިކޮށް، މިއަދު އީޔޫގެ ފަރާތުން ބަޔާނެއް ނެރުއްވައި ރަޝިއާ އަށް ފާޑު ވިދާޅުވެފައި ވަނީ ޔޫރަޕިއަން ކައުންސިލުގެ ރައީސް ހާރމަން ވާން ރޮމްޕައި އާއި ޔޫރަޕިއަން ކޮމިޝަނުގެ ރައީސް ހޯސޭ މެނުއެލް ބަރާސޯ އެވެ.
ރޮމްޕައި އާއި ބަރާސޯ ނެރުއްވި އެކުވިބަޔާނުގައި ވިދާޅުވެފައި ވަނީ "ޔުކްރެއިނުން ޔޫރަޕިއަން ޔުނިއަނާ އެކު ސޮއި ކުރާނީ ކޮން ކަހަލަ، ކޮން އެއްބަސްވުންތަކެއްގައި ކަން ކަނޑައަޅައި ނިންމުމަކީ ޔުކްރެއިނުގެ އަމިއްލަ ކަމެއް" ކަމަށާއި، "މި ކަމުގައި ރަޝިއާ ވަކި މަގާމެއް އިޚުތިޔާރު ކޮށް ކުރަމުންދާ ކަންކަން ވަރަށް ބޮޑަށް ކުށްވެރި ކުރަން" ކަމަށެވެ.
ޔުކްރެއިނާއި އީޔޫއާ އޮންނަ ގުޅުން ބަދަހި ވެގެން ދިޔުމަކީ އެ ގައުމާއި ރަޝިއާ ފަދަ އަވަށްޓެރީންނާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުމަށް ބުރޫ އަރާން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް އީޔޫގެ ބަޔާނުގައިވެ އެވެ.
ރަޝިއާ ސަރުކާރުން ވަނީ ޔުކްރެއިނާ އީޔޫއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކޮށްފި ނަމަ، އިގުތިސާދީ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތަކަށް އޭގެ ނުރަނގަޅު އަސަރުތައް ކުރާނެ ކަމަށް ބުނެފަ އެވެ. ރޫސީން ޔުކްރެއިނަށް ބާރު އަޅަމުން ގެންދަނީ އީޔޫގެ ހުށަހެޅުން ދޫކޮށްލައި ރޫސީންނާއި ބެލަރުހާއި ކަޒަޚްސްތާނާ ހަތަރު ގައުމު ގުޅިގެން އެކު މިނިވަން ވިޔަފާރީގެ އިއްތިހާދެއް އުފެއްދުމަށެވެ.
މީގެ ކުރީން އީޔޫއާ އެކު މިފަދަ އެއްބަސްވުންތަކުގައި ސޮއި ކުރި ދެ ގައުމު ކަމަށްވާ ޖޯރޖިއާ އާއި މޮލްޑޯވާއާ ދެކޮޅަށް ވެސް ރަޝިއާ ވަނީ އިގުތިސާދީ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން، އެ ދެގައުމުން ބަނގުރަލާއި މިނަރަލް ފެން ރަޝިއާއަށް ގަތުން ހުއްޓައިލައިފައިވެ އެވެ. ޖޯރޖިއާ އާއި މޮލްޑޯވާ އަކީ ވެސް ޔުކްރެއިނެކޭ އެއްފަދައިން، ޔުނިއަން އޮފް ސޮވިއެޓް ސޯޝަލިސްޓް ރިޕަބްލިކްސްގެ ގޮތުގައި ރަޝިއާ އޮތް ޒަމާނުގައި، އެ ދައުލަތުގެ ދެ ޖުމްހޫރިއްޔާ އެވެ.
ޔުކްރެއިނުގެ މިހާރުގެ ސަރުކާރުގެ ވިސްނުން ރޫސީންގެ އެދުމާ އެއްގޮތަށް ހުރި އިރު، އެ ގައުމުގެ އިދިކޮޅު ޕާޓީތަކާއި އީޔޫއާ ގުޅުން ބަދަހި ކުރަން ތާއީދު ކުރާ އެތައް ހާސް ރައްޔިތުން ގެންދަނީ ވެރިރަށް ކިއެވްގައި މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާތަކަކީ 2004 ވަނަ އަހަރު ޔުކްރެއިނުގައި ގެނެވުނު އޮރެންޖް އިންގިލާބަށް ފަހު، ސަރުކާރާ ދެކޮޅަށް ރައްޔިތުން ނުކުމެ ކުރަމުން ގެންދާ އެންމެ ބޮޑު މުޒާހަރާތައް ކަމަށް، ކިއެވުން ލިބޭ ރިޕޯޓުތައް ބުނެ އެވެ.