ފަހަކަށް އައިސް ޓެކްސީއެއް ހޯދުމަކީ އެންމެ އުނދަގޫ އެއްކަމެވެ. ސެންޓަރުތަކުގެ ފޯނުތައް ހުންނީ އެންގޭޖްކޮށްފަ އެވެ. މަގުމަތީގައި އަތް ނަގައިގެން އެތައް އިރެއްވަންދެން ހުރެގެން ވެސް ޓެކްސީއެއް ގިނަ ފަހަރު ނުލިބެ އެވެ. ހާއްސަކޮށް ސްކޫލް ބަންދު ދުވަސްވަރާއި ވިއްސާރަ ދުވަހެއެއް ނަމަ ޓެކްސީ ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

ޓެކްސީ ޑްރައިވަރުން ބުނި ގޮތުގައި ޓެކްސީތަކުގެ ބާރު އެހާ ބޮޑުވެގެން އުޅެނީ މިދުވަސްވަރަކީ ސްކޫލް ބަންދު ދުވަސް ވަރަށްވެފައި ގިނަ ބަޔަކު މާލެ އައިސް ގޮސް ހަދާތީ އެވެ.

ދާދިފަހުން ރައްޓެއްސަކު އޭނާގެ ދަރިފުޅު ގޮވައިގެން ވަރަށް އަވަހަށް ހޮސްޕިޓަލަށް ދާން ވެގެން މަގުމަތީގައި ހުރެގެން އެތައް އިރެއް ފަހުން ޓެކްސީއެއް ލިބުނެވެ. އޭނާ ދާން ބޭނުންވި ތަނަށް ނުދެވެނީސް ޓެކްސީ ޑްރައިވަރު މަގުމަތިން އަތް ނެނގި ދެތިން އަންހެނަކު ކާރަށް އަރުވައިފި އެވެ. ކުޑަ މިނުން އެ މީހުން އެރުވިޔަސް ހޮޔޮހޭ ވެސް އަހާލުމެއް ވެސް ނެތި އެވެ. ފުރަތަމަ ކާރަށް އެރި މީހަކަށް އިސްކަންދޭން ޖެހެ އެވެ. އަދި އިތުރު ބަޔަކު އަރުވަން ޖެހޭނީ ވެސް އެ މީހެއްގެ ރުހުން ވެސް އޮވެގެންނެވެ.

ފަހަކަށް އައިސް ޓެކްސީ ޑްރައިވަރުންގެ އަމަލުތަކާ މެދު ހިތްހަމަނުޖެހިގެން އެތައް ބަޔަކު ޝަކުވާކުރެ އެވެ. ޓެކްސީ ކުރާ ކާރަކަށް އާއްމު ގޮތެއްގައި މީހުން އަރަނީ ތިމާ ދާން ބޭނުންވާ ތަނަކަށް މިނިވަންކަމާ އެކު ހަމަޖެހިލައިގެން އިނދެ ދިއުމުގެ ބޭނުމުގަ އެވެ. އެހެން ނޫން ނަމަ ޖެހިގެން އޮންނަ މަގަށް ނުކުމެ ކޮންމެ ވެސް ބަސް ސްޓޭންޑެއްގައި މަޑުކޮށްލައިގެން 15 ވަނަރަކަށް މިނެޓް ފަހުން "ޕަބްލިކް ޓްރާންސްޕޯޓް"ގެ ހިދުމަތް ދެމުން އަންނަ ބަސް އައިސް މަޑުކުރުމުން އެއަށް އެރުމުން އަތުންދާ ހަރަދު ވެސް މާކުޑަވެ އެވެ.

ބަހަށް އަރާ މީހާގެ އަތުން ފަސް ރުފިޔާ ހަރަދުވާ އިރު ޓެކްސީއަކަށް އަރާ މީހާ އަތުން ޓެކްސީ ދަތުރަށް 20 ރުފިޔާ ދޭންޖެހެ އެވެ. ނަމަވެސް އެ ފަރަގު އެމީހުންނަށް ނުފެންނަނީ އެތައް ސަބަބުތަކަކާ ހުރެ އެވެ. އަތުންދާ ހަރަދަށް ވުރެ ބޮޑަށް ޓެކްސީތަކަށް އަރާ މީހުން ބަލަނީ އަވަސް ހިދުމަތެއް ލިބި ހަމަޖެހިގެން ދާން ބޭނުންވާ މަންޒިލަށް ދިއުމެވެ. ނަމަވެސް މިހާރަކަށް އައިސް ޓެކްސީތަކެކޭ އާއްމު ބަސްތަކަށް އެރުމެކޭ މާބޮޑު ތަފާތެއް ނާދެ އެވެ.

ޓެކްސީތަކަކީ އާއްމުންނަށް ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަކި ހުއްދައެއް ހޯދައިގެން ދެމުން ގެންދާ ހިދުމަތަކަށްވާ އިރު އާއްމު ރައްޔިތުންގެ ހައްގުތަކަށް އުނިކަމެއް އަތުވެދާނެ ފަދަ ގޮތަކަށް އަމަލު ކުރުމަކީ މަނާކަމެއް ކަމުގައިވާ އިރު އެފަދަ ކަންކަން އާއްމު ވަމުންދާ ކަމުގެ ޝަކުވާތައް ދަނީ އާއްމުންވަމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވި ގޮތުގައި ޓެކްސީތަކުން ދަތުރެއްގެ ތެރެއިން ދަތުރު ނެގުމުގެ ކުރިން ކުރިން ދަތުރި ނަގައިގެން އިން ކަސްޓަމަރު ކައިރިން ހުއްދަ ނުހޯދައި ދެވަނަ ދަތުރު ނެގުމަކީ މިހާރު އަމަލް ކުރަމުން އަންނަ ޓްރާސްޕޯޓް އޮތޯރިޓީގެ ގަވާއިދުގައި މަނާ ކަމެކެވެ. އެގޮތަށް އެކަންތައް ނުކުރުމަށް ތަކުރާރުކޮށް މިނިސްޓްރީން އަންގަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާ ގަވައިދެއް އެކުލަވާލައި އެ ގަވައިދު ގެޒެޓް ކުރުމުގެ މަސައްކަތް ކުރަމުން މިގެންދަނީ، އެ ގަވާއިދަށް އަމަލު ކުރަން ފެށުމުން އެކަމަށް ފިޔަވަޅު އެޅި އެ މައްސަލަ ހައްލުވާނެ ކަމަށް މިބަލަނީ،" ރަފީއު ވިދާޅުވި އެވެ.
އެހެން ރައްޓެއްސަކު ބުނީ ޓެކްސީއަކަށް ގުޅަން އުޅެގެން އެތައް އިރަކު ނުގުޅި މަޑުކުރަންޖެހޭތީ އާއި ގުޅާ ޓެކްސީ ގިނަ ފަހަރަށް ނައިސް ލަސްވާތީ އޭނާ ގިނަ ފަހަރު ހިޔާރު ކުރަނީ މަގުމަތިން ޓެކްސީ ނެގުމަށެވެ. އެގޮތުން އެއް ދުވަހެއްގެ މެނދުރު އެންމެ ހޫނު ބޮޑުވި ވަގުތު މަގުމަތިން ހުއްޓުވި ޓެކްސީއަކަށް އޭނާ އެރީ އަރާމުގައި ދާން ބޭނުންވާ ތަނަށް ދިއުމުގެ ބޭނުމުގަ އެވެ.

ނަމަވެސް ދަތުރުގެ މެދުތެރެއިން އޭނާގެ ހިތްހަމަޖެހުމަށް ހުރަސް އެޅީ ދަތުރު މެދުތެރެއިން ޑްރައިވަރު ޓެކްސީއަށް އެރުވި ކަސްޓަމަރުންނެވެ. އެމީހުންގެ ބޭނުންވީ ހާސްވާތީ ކާރުގެ ބިއްލޫރިގަނޑެއް ތިރިކޮށްލުމަށެވެ. އެވަގުތު ޑްރައިވަރު ރައްޓެހި މީހާ އަށް މާބޮޑު ސަމާލުކަމެއް ނުދީ އެ މީހުން ބޭނުންވި ގޮތަށް ހިތްހަމަނުޖެހި އިނދެފައި ވެސް އޭސީ ނިއްވާލައި ބިއްލޫރި ތިރިކުރި އެވެ.

މާލޭގެ ބައެއް ސެންޓަރުތަކުން ބުނި ގޮތުގައި އާއްމު ބައެއް ރައްޔިތުންގެ ފަރާތުން އެފަދަ ޝަކުވާތައް މަދުން ނަމަވެސް ސެންޓަރުތަކަށް ވެސް ލިބެމުން އަންނަ ކަމަށެވެ. އަދި ކަސްޓަމަރުންގެ ކައިރިން ނާހާ އެފަދަ ކަންކަން ނުކުރުމަށް ތަކުރާރުކޮށް ޓެކްސީތަކަށް އަންގަމުންދާ ކަމަށް ވެސް ބައެއް ސެންޓަރުތަކުން ބުންޏެވެ.

ޓެކްސީ ދުއްވުމުގައި ފަނަރަ ވަރަކަށް އަހަރު ހޭދަކުރަމުން އަންނަ އަހުމަދު އާދަމް ބުނި ގޮތުގައި އޭނާގެ ޓެކްސީގައި މީހަކު ދަތުރެއް ނަގައިގެން ދަނިކޮށް، އިތުރު ބަޔަކު ނުވަތަ މީހަކު އެރުވުމުގެ ކުރިން ފުރަތަމަ ދަތުރު ނަގައިގެން އިންނަ މީހާގެ ހުއްދަ ހޯދަ އެވެ. އަދި އެމީހާގެ ހުއްދަ ލިބުނު ނަމަވެސް ކާރުގެ ފަހަތުގައި އިނީ އަންހެން ކުއްޖެއް ކަމުގައިވާނަމަ ދެވަނަ މީހާ އަރުވަނީ ކުރީ ސީޓަށެވެ. ނަމަވެސް މަދުން ނަމަވެސް އެ ނޫން ގޮތްތަކަށް ޓެކްސީތަކުން އަމަލު ކުރަމުން ގެންދާ ކަމުގެ ޝަކުވާތައް ލިބޭ ކަން އޭނާ ވެސް ފާހަގަ ކުރި އެވެ.

"ގިނަ ޑްރައިވަރުން އެގޮތަށް އެއް ދަތުރު މެދުތެރެއިން އަނެއް ދަތުރު ނަގަނީ އެ ދަތުރުގެ މަގުގައި ކައިރިން ދެވަނަ ދަތުރު ނިންމާލެވޭތީ އާއި މާލޭގެ އެއް ކޮޅުން އަނެއް ކޮޅަށް ދަތުރު ކުރާނަމަ އަދާ ޕެޓްރޯލްގެ ހަރަދު ޗަލުވާލަން. ނަމަވެސް ކާރު ފުރަތަމަ ނަގާ މީހާ އަށް އިސްކަން ދޭން ޖެހޭ، އަދި އެމީހާގެ ހުއްދަ ނެތި ބަޔަކު އަރުވާނަމަ އެކުރަނީ ގަވާއިދާ ހިލާފު ކަމެއް،" އަހުމަދު ބުންޏެވެ.

އާއްމުންނަށް ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ޓެކްސީތަކަކީ ވަކި ގަވާއިދުތަކަކާއި ވަކި އުސޫލުތަކެއްގެ މަތިން ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ އެއްޗެއްސެވެ. އެހެންކަމުގައިވާއިރު މަގު ހިނގާފައިދާ އިތުރު ބަޔަކަށް އެހީވުމުގެ ބޭނުމުގައި ވެސް ފުރަތަމަ ދަތުރު ހިފައިގެން އިންނަ މީހާގެ ހުއްދައެއް ނެތި ގޮތް ނޭނގޭ ބަޔަކަށް ނުވަތަ މީހަކަށް ޓެކްސީތަކަށް އެރުވުމަކީ ހިތާމަވެރި ހާދިސާއެއް ހިނގުމަށް ފުރުސަތު އޮތް ކަމެކެވެ. އަނެއް ކޮޅުން ނޭނގި ނަމަވެސް އެކުރެވެނީ މަނާ ކަމެކެވެ.