26 Nov 2013, 09:12
އާ ސަރުކާރުގެ ފުރަތަމަ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރަކީ އަމީން އިބްރާހީމެވެ. އެއީ ހިދުމަތްތެރި އެވެ. އަމީން ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. ސިޔާސީ ދާއިރާ އަށް ނުކުންނަވައި ނިމިދިޔަ ސަރުކާރުގައި މިހާރު އަދާކުރައްވަމުން ގެންދަވާ ޓްރާސްޕޯޓް މިނިސްޓަރު ކަމަށް ވަޑައިގެންނެވި އެވެ.
ކުރީގެ ސަރުކާރުގެ މަދު ދުވަސްކޮޅުގެ ވަޒީރުކަމުގެ ތަޖުރިބާއިން، ހިދުމަތަށް އަލުން ނުކުންނަވާ އަމީން އާ ވިސްނުންތަކެއް ގެންގުޅުންވަ އެވެ. ސަރުކާރުގެ ޕްލޭންތަކާ އެއްގޮތަށް، ތަރައްގީ ގައިމުވާ ފަދަ ލަނޑުދަނޑިތަކެއް ހާސިލް ކުރާނެ ކަމަށް އަމީން ވިދާޅުވެ އެވެ. އެ ވާހަކަތަށް އޭނާ ސަންއާ ހިއްސާ ކުރެއްވި އެވެ.
ތިރީގައި އެ ވަނީ އަމީން ވަޒީރުކަމަށް ވަޑައިގަތުމަށް ފަހު ސަން އޮންލައިނަށް ދެއްވި އިންޓަވިއުގެ މުހިއްމު ބައިތަކެވެ. އެގޮތުން ސުވާލާއި ޖަވާބު މި އިންޓަވިއުގައި ހިމަނާލާނަމެވެ.
ސަން: ކުރިއަށް މިއޮތް ދައުރުގައި ޓްރާންސްޕޯޓް މިނިސްޓްރީ ހިންގެވުމުގައި ކޮން ކަހަލަ ޕޮލިސީތަކެއްތޯ ގެންގުޅުއްވާނީ؟
މިނިސްޓަރު: ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ޕްލޭން އަޅުގަނޑު ވަރަށް އަވަހަށް އެކުލަވާލާނަން، އެކަން ދަނީ ރައީސް އާއި ރައީސް އޮފީހުގެ ހާއްސަ ބެއްލެވުމުގެ ދަށުން، އަޅުގަނޑަކީ ކުރިން ވެސް މި މަގާމުގައި ހުރި މީހެއްގެ ސަބަބުން އަޅުގަނޑުމެން ކުރިން ފަށާފައި ހުރި ޕުރޮޖެކްޓްތަކުގެ ތެރެއިން އަދުގެ ސިޔާސަތުތަކާ ގުޅާ މަސައްކަތްތަކީ ކޮބާތޯ ބަލަމުން މިދަނީ، ދެން ވައުދުތަކާއި ގުޅޭގޮތުން ވޯކް ޕުލޭން ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް މިދަނީ، ޕީޕީއެމްގެ މެނިފެސްޓޯ އެކަންޏެއް ނޫން އެހެން ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯތައް ވެސް ބަލާނެ ކަންކަން ތަންފީޒް ކުރުމުގައި.
ސަން: ކޮބާތޯ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ޓެލެކޮމިއުނިކޭޝަން ދާއިރާ އަށް އޮތް ޕޮލިސީއަކީ؟
މިނިސްޓަރު: އަޅުގަނޑުމެންގެ މަސައްކަތަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ސާކް ސަރަހައްދުގައި ޓެލެކޮމިއުނިކޭޝަން ދާއިރާ އިން އެންމެ ކުރިއަރާފައިވާ ގައުމަށް ހެދުން. އަދުގެ ސަރުކާރުން މުއާސަލާތީ ގުޅުންތަކަށް ހާއްސަކޮށް ވަރަށް ބޮޑަށް އިންޓަނެޓާއި ފޯނުގެ ހިދުމަތްތަކާއި ގުޅުން ހުރި ހިޔާލް ތަކެއް އެބަހުރި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި ބުރޯޑްބޭންޑް ޕޮލިސީއެއް އެކުލަވާލާނަން.
ސަން: ބްރޯޑްބޭންޑް ޕޮލިސީއެއްގެ ދަށުން ކޮން ކަންތައްތަކެއްތޯ ކުރެވިގެންދާނީ؟
މިނިސްޓަރު: ބްރޯޑްބޭންޑް ޕޮލިސީގެ ދަށުން މިހާރު މޯބައިލް އިންޓަނެޓް ނުދެވޭ ހިސާބްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމާއި އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އަޅުގަނޑުމެން މަސައްކަތްކުރާނެ. އަގުގެ ގޮތުންނާއި ދެވޭ ހިދުމަތުގެ ގޮތުން މީހުންނަށް ބޭނުންވާ މުއާސަލާތީ އެކުސަސް އެންމެ ކުރިއަރާފައިވާ ގައުމަށް ހަދާނަން.
ސަން: ބުރޯޑްބޭންޑް ނުވަތަ މުއާސަލާތީ ދާއިރާއަށް ކުރިއެރުން ގެންނާނީ އިތުރު ކުންފުނިތައް ގެނެސްގެންތޯ؟
މިނިސްޓަރު: އަޅުގަނޑުމެންގެ ވިސްނުން މިހިރީ މިހާރު ހުރި ކުންފުނިތަކާ ގުޅިގެން ކުރިއަށް ދިއުން. ގިނަ ސާވިސް ޕްރަވައިޑާތަކެއް ގެނެސްފި ނަމަ އެ މީހުންނަށް ބަހާލީމަ ނިސްބަތުން ޖެހޭނީ ވަރަށް ކުޑަކޮށް، އެހެންވީމަ އެކަށިގެންވާ ފެންވަރެއްގައި. އެކަށީގެންވާ އަގެއްގައި އެމީހުނަށް ހިދުމަތް ދިނުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ، އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މިހާރު ހުރި ކުންފުނިތަކާ ވާހަކަ ދައްކައިގެން އެ މީހުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކުރެވޭނެ މަސައްކަތަކީ ކޮބާތޯ ބެލުން.
ސަން: ދަތުރުފަތުގެ ނިޒާމް ފަސޭހަކޮށް އެ ނިޒާމް ހަރުދަނާ ކުރުމަށް ކުރައްވާނީ ކޮންކޮން މަސައްކަތްތަކެއްތޯ؟
މިނިސްޓަރު: ގިނަ މީހުން މިއަދު ދަތުރުކުރަން ބޭނުން ވަނީ ވަރަށް ހަލުވިކޮށް ވަރަށް ފަސޭހައިން، އޭގެ އެންމެ ބޮޑު އެހީއަކަށް ވާނީ ވައިގެ ޒަރީޔާ އިން ދަތުރުތައް ކުރުން. އެހެންވީމާ ދަތުރުފަތުރުގެ ނިޒާމް ވަރަށް ގުޅި ލާމަފެހިވެފައިވާ ނިޒާމަކަށް ވާން ޖެހޭ، ސީޕްލޭން ބޭނުންކޮށްގެން ނަމަވެސް އެކަން ކުރެވޭނެ. އެކަން ވާނީ ކަނޑުގެ ދަތުރުތަކާއި ވައިގެ ދަތުރުތަކާއި އެއްގަމުގެ ދަތުރުތައް އެކައްޗަކަށް ހަދައިގެން.
ސަން: ވައިގެ ދަތުރުފަތުރު ފުޅާކުރުމަށް ކޮބާތޯ ކުރައްވާނެ މަސައްކަތްތަކަކީ؟
މިނިސްޓަރު: ރާއްޖޭގެ މުހިންމު ހުރިހާ ހިސާބެއްގައި އެއާޕޯޓްތައް ގާއިމް ކުރެވޭނެ، އެއީ މިހާރަށް ބަލާއިރު އިތުރަށް 10 ވަރަކަށް އެއާޕޯޓް. ނަމަވެސް އަދި އެއާޕޯޓް ތަރައްގީކުރާނެ ސަރަހައްދުތައް ކަނޑައެއް ނާޅާ.
ސަން: ގިނަ އެއާޕޯޓްތަކެއް އޮޕަރޭޓް ކުރަންވީމާ ގެއްލުންވާނެ ކަމަށް އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އެބަ ވިދާޅުވޭ، ކިހިނެއްތޯ މިނިސްޓަރު ގަބޫލް ކުރައްވަނީ؟
މިނިސްޓަރު: ކޮންމެ ކަމެއް ވެސް ފަށާއިރު ވަރަށް އާދައިކޮށް ދާނީ، އެއްވެސް ވިޔަފާރިއަކީ ފަށާއިރު މާ ފައިދާވާނެ ކަމެއް ނޫން. އެކަމެއް ފެށީމާ އިތުރު ކަންކަން އަންނާނީ، މިސާލަކަށް ބަލަމާ ތިމަރަފުށީގައި އެއާޕޯޓެއް އެޅިއިރަކު އެތަނަކު ނެތް ދާނެ ބަޔަކު، އެކަމަކު މިހާރު އެ ހިސާބްގައި އެ އޮތް ތައްޔާރުވަނީ ރިސޯޓެއް ގާއިމް ކުރުމަށް، އެހެންވީމާ އެއާޕޯޓް ފަށައިގަތީމަ ވިޔަފާރިތައް ދާނީ.
ސަން: ކޮބާތޯ މިހާރު މަސައްކަތް ކުރިއަށްދާ އެއާޕޯޓްތަކަކީ؟
މިނިސްޓަރު: ރ. އަތޮޅު އިފުރު އެއާޕޯޓް ކުޑަކުޑަ ޑިލޭއެއް އައިސް އޮތީ، އަންނަ މާޗް ހިސާބުގައި އެއެއާޕޯޓް ހުޅުވޭވަރުވާނެ. ކުޑަހުވަދޫ އެއާޕޯޓް އެއޮތީ ބަޔަކާއި ހަވާލުކޮށްފައި، އެކަން ވެސް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ. މާފަރު އެއާޕޯޓް އެއޮތީ ހަވާލުކުރެވިފައި، ށ. ފަރުކޮޅު ކުރިއަށް ދަނީ މިހާރު ވެސް، އެތަންތަނުގައި ހުންނާނެ ޓައިމް ލައިންތަކެއް.
ސަން: ސަރުކާރުގެ ވިސްނުން ހުރީ ދައުލަތުގެ ބަޖެޓުން އެއާޕޯޓްތައް ހެދުންތޯ ނުވަތަ އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ހިންގުންތޯ؟
މިނިސްޓަރު: ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ދެއްތޯ ސަރުކާރުގެ ޕްރޮޖެކްޓްތައް މިހާރު މިހިންގަނީ، ދައުލަތުގެ މާލިއްޔާ އިން އެފެންވަރަށް ހަރަދުކުރާކަށް އަޅުގަނޑުމެންނަކަށް ފައިސާއެއް ނެތް، ދެން ވިޔަފާރީގެ ކަންކަމުގައި އަމިއްލެ ފަރާތްތަކުން ބައިވެރިކުރީމަ ސަރުކާރަށް އޮންނަ ރިސްކު ކުޑަ، އެއާއެކު ސަރުކާރަށް އާންމުދަނީ ލިބޭ އެހެންކަމެއް ފެށޭ އެބަ.
ސަން: ކިހިނެއްތޯ މިހާރު ފެރީގެ ނިޒާމްއަށް ވެފައިވަނީ؟
މިނިސްޓަރު: މިވީ ގޮތަކީ ރަނގަޅު އުސޫލެއް ނެތީމަ ފެރީގެ ނިޒާމް ނުހިނގާ ހުއްޓުނީ، ދެން ދެވަނަ މޮޑެލްއެއް އެކުލަވާލީ، އެއީ އެއްބަޔަކަށް ރަށެއް ދީގެން އެއިގެން ލިބޭ ފައިސާއިން ރިސޯޓް ހިންގުން، އަނެއް ގޮތަކީ އަތޮޅު ކައުންސިލްތަކާ ހަވާލުކުރީ ހިންގަން އެ ނިޒާމް، އަޅުގަނޑުމެން ކުރާ ކަމަކީ އެ މީހުންނަށް ފައިސާ ދިނުން. ނ.ރ.ބ. ޅގައި އަޅުގަނޑުމެން މިހިންގަނީ އެނިޒާމަށް، އެކި ހިސާބްތަކުގައި އެކިގޮތަށް.
ސަން: ކިހިނެއްތޯ ދެން ވިސްނުން ހުރީ ފެރީގެ ނިޒާމަށް ހަރަދުކުރަން؟
މިނިސްޓަރު: އަޅުގަނޑުމެންނަށް އެންމެ ހިތްގައިމު ގޮތަކަށް މިފެންނަނީ ޓްރާންސްޕޯޓް ފަންޑެއް ގާއިމް ކުރުން. އަޅުގަނޑުމެންނަށް ދަތުރުފަތުގެ ދާއިރާ ރަނގަޅު ކުރުމަށް ލިބޭ އެއްޗެއް އެފަންޑަށް ޖަމާކުރަނީ، މިއީ އަޅުގަނޑުމެންނަށް އެންމެ ކާމިޔާބު ކަމަށް ފެންނަ ގޮތަކީ. ނަމަވެސް އެފަންޑް ނެތީމާ އަދި މިޖެހެނީ ދައުލަތުން ހަރަދުކުރަން، ދެން އާ ސިޔާސަތުތައް ތަންފީޒް ކުރާއިރު އެކަމަށް ބޮޑު ސަމާލުކަމެއް ދޭނަން.
ސަން: ކިހިނެއްތޯ ފެރީގެ ނިޒާމް ހިންގުމުގެ ވިސްނުން ހުރީ؟
މިނިސްޓަރު: ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެރީގެ ހިދުމަތް ދޭނަން، މިހާރު ވެސް، ހއ.ހދ،ށ ނޫން އެހެން ހުރިހާ ހިސާބެއްގައި އެ ހިދުމަތްދެވޭ. އެ ތިން އަތޮޅާ ހަވާލުކުރި ފަރާތްތަކަށް އެކަން ނުވެގެން ބާތިލުކުރީ، އެއަތޮޅުތަކުގައި ވެސް ފަށާނަން. އެކަން ކުރާނީ އެކަށިގެންވާ ގޮތަށް، އެކަން ކުރާނެ އުސޫލް ކަނޑައެޅުމުގެ މަސައްކަތް މިކުރަނީ.
ސަން: ކޮބައިތޯ އެއްގަމުގެ ދަތުރުފަތުރު ފުޅާކުރުމަށް ކުރައްވާނެ ކަންކަމީ؟
މިނިސްޓަރު: މާލޭގައި އުޅޭ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން މިއޮތީ ޓެކްސީތަކަށް، އިރާދަކުރެއްވިއްޔާ އަޅުގަޑުމެން ޓެކްސީތަކުގެ މައްސަލަތައް ހައްލަކަށް އަޅުވާނަން. ހަރުދަނާ ގަވައިދެއް ޓެކްސީކުރުމަށް އެކުލަވާލާނަން. މާލޭގައި 600 އަށް ވުރެ ގިނަ ޓެކްސީ ހުންނަ އިރު އޮޕަރޭޓްމިކުރެވެނީ 50 އަކަށް ޓެކްސީ. ޓެކްސީގެ ހިދުމަތަކީ ވަކި ނިޒާމެއްގެ ތެރެއިން ދެވޭ ހިދުމަތަކަށް ވާންޖެހޭ. އަދި އެކަންތައް މޮނީޓާ ކުރާނެ ބަޔަކު ތިބެން ވެސް ޖެހޭ. 100 ދުވަހުގެ ތެރޭގައި އެކަން ކުރެވޭނެ.
ސަން: ހުޅުމާލެ އާއި މާލެ އާއި ދެމެދުގައި ބުރިޖް މަޝްރޫއު ކުރިއަށް ގެންދާނަންތޯ؟
މިނިސްޓަރު: ދެ އަހަރު ތެރޭގައި ބުރިޖް އެޅޭނެ. މިހާތަނަށް ކުރެވުނު މަސައްކަތުން އެކަން ކުރެވޭނެ އެތައް ދޮރުތަކެއް އެބަހުރި، އެއީ ވަރަށް ފަސޭހައިން އެޗީވް ކުރެވޭނެ ޓާގެޓެއް އެޔަކީ، ނަމަވެސް އެކަން ކުރާނީ ކިހިނެއް ކޮން ގޮތަކަށް ކަމެއް އަދި ނުނިންމާ، އަޅުގަނޑުމެންނަށް 100 ޕަސެންޓް ޔަގީންކަން އެބައޮތް މިކަން ކޮށްދެވޭނެ ކަމުގެ.
ސަން: ކޮބާތޯ ދަތުރުފަތުގެ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅުތަކަކީ؟
މިނިސްޓަރު: އާންމުން ވަރަށް ބޮޑަށް ހޭލުންތެރިވާން ޖެހޭ، މެރިޓައިމް ޓްރާންސްޕޯޓް ޕްލޭނެއް އަޅުގަނޑުމެން މިހާރު އެކުލަވާލައިފިން، އިރާދަކުރެއްވިއްޔާ 100 ދުވަހުގެ ތެރޭގައި އެކަން ވެސް ތަންފީޒް ކުރެވޭނެ، ހާއްސަކޮށް ސަލާމަތީކަންކަން، މިސާލަކަށް އުޅަނދުފަހަރުގެ ރައްކާތެރިކަން ބޯޓް ބިލްޑިންގް ކޯޑެއް އެކުލަވާލުން، އޭރުން އުޅަނދުފަހަރުތައް ބަނދެވޭނީ ވަކި މިންވަރެއްގެ ތެރޭގައި. ދެން ގެއްލޭ ނުވަތަ ދޯނިތައް އޮތް ހިސާބެއް ހިދުމަތް ޓުރެކިން ޑިވައިސެއް އާންމުކުރަން އަޅުގަނޑުމެން އެބަ ބޭނުންވޭ،
ސަން: ދަތުރުފަތުރުގެ ނިޒާމް ހެޔޮ އަގުގައި ފޯރުކޮށް ދެވޭނެތޯ؟
މިނިސްޓަރު: ކުރިއަށް އޮތް ތަނުގައި ދަތުރުފަތުރުގެ ނިޒާމް އަވަސްވެފައި، ފުޅާވެފައި، އަގުވެސް ހެޔޮ ވާނެ އިރާދަކުރެއްވިއްޔާ، ނަމަވެސް ވިޔަފާރިއެއް ވީމަ މިއީ ވާދަވެރި ވިޔާފަރިއަކަށް ވެގެން ކުންފުނިތަކުން ބައިވެރިވީމަ މިކަން ވާނީ.