ރާއްޖޭގެ ރައްޔިތުންނަށް މިއަދު ދިމާވެފައިވާ ކަރަންޓުގެ ދަތިކަން ހައްލު ކޮށްދިނުމުގެ ގޮތުން ބައެއް ރަށްރަށަށް ސަރުކާރުން ޖަނަރޭޓަރު ފޮނުވަން ފަށައިފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާޝަންސް އިބްރާހިމް މުއާޒު މިރޭ ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން މިއަދު ނ.ވެލިދޫއަށް 160 ކިލޯ ވޮޓު ގެ ޖަނަރޭޓަރެއް ފޮނުވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އައްޑޫ ސިޓީގެ ސެންޓްރަލް ޕަވާ ސްޓޭޝަނަށް 800 ކިލޯ ވޮޓުގެ ޖަނަރޭޓަރެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ގއ. ވިލިގިއްޔަށް ވެސް 800 ކިލޯވޯޓުގެ ޖަނަރޭޓަރެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން މިއަދު ޖަނަރޭޓަރު ފޮނުވާފައިވާ ނ. ވެލިދޫ އަކީ 2400 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެރަށުގެ އިންޖީނު ގޭގައި ކުރިން ބޭނުން ކުރަމުން ގެންދިޔަ ހަތަރު ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނެރޭޓަރު ހަލާކުވެގެން އެރަށަށް ކަރަންޓް ދެމުން ގެންދަނީ 112 ކިލޯގެ ދެ ޖަނެރޭޓަރުންނެވެ. ނަމަވެސް އެ ދެ ޖަނަރޭޓަރުން މުޅި ރަށަށް އެކަށީގެންވާ ގޮތުގައި ކަރަންޓް ނުދެވޭތީ ބައެއް ހިސާބުތުން އެކި ގަޑިތަކުގައި ކަރަންޓް ކެނޑުމުގެ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ.

ރަށްރަށަށް ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތް ސަރުކާރުން މިއަދު ފަށައިފައިވާއިރު ފާއިތުވި ދެ ތިން އަހަރު އަތޮޅުތަކުގެ ރަށްރަށުގެ އިންޖީނުގޭގައި ބޭނުން ކުރަމުން އަންނަ ޖަނަރޭޓަރުތަކަށް ދިމާވާ އެކިއެކި މައްސަލަތަކާ ގުޅިގެން ރަށްރަށުން ކަރަންޓް ކެނޑުމުގެ މައްސަލަތައް ވަނީ އިތުރުވާން ފަށައިފަ އެވެ.