ސިފައިންގެ އިސް އޮފިސަރުންތަކެއް ވަޒީފާ އިން ވަކިކޮށްފައިވާ މައްސަލަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުށްވެރިކުރައްވައިފި އެވެ.

ރައީސް ނަޝީދު މިރޭ ކުރައްވާފައިވާ ޓުއީޓެއްގައި ވިދާޅުވެފައި ވަނީ ސިފައިންގެ ކުރީގެ އިންޓެލިޖެންސްގެ ހެޑް ބްރިގޭޑިއާ ޖެނެރަލް އަހްމަދު ނިލާމުގެ އިތުރުން އިތުރު ބޭފުޅުންތަކެއް ވަޒީފާ އިން ވަކިކޮށްފައި ވާތީ އެކަން ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަގުގައި ސިފައިންގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮތް އިތުބާރު ކުޑަވެގެންދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.




ސިފައިންގެ ވަޒީފާ އިން ނިލާމް ވަކިކުރުމަށް ފަހު ސިފައިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ސިފައިންގެ ވާޖިބާއި އަހުލާގާއި ހަމަތަކާ ހިލާފުވުމާއި ސިފައިންގެ ޖެނެރަލް އޮފިސަރެއްގެ ފަރާތުން ފެނިގެން ނުވާނެ ފަދަ އަމަލުތައް ތަކުރާރުވުމާއި ގަވާއިދާއި ހިލާފަށް ސިފައިންގެ އާ ބެހޭ ސިއްރު މައުލޫމާތު ހާމަކުރުމާއި ސިފައިންގެ އިއްޒަތާއި ކަރާމާތް ގެއްލުވާލައި ސިފައިންގެ ތެރޭގައި ފިތުނަ ފަސާދައާއި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރަމުން ގެންގޮސްފައި ވާތީ ކަމަށެވެ.

ނިލާމް ސިފައިންގެ ވަޒީފާ އިން ވަކިކުރުމުގެ ކުރިން ބްރިގޭޑިއާ ޖެނެރަލްގެ މަގާމުން ކާނަލް ރޭންކަށް އޭނާ މިއަދު ވަނީ ޑިމޯޓްކޮށްފަ އެވެ. މީގެ އިތުރުން ސިފައިންގެ އަނެއް ފަސް ބޭކަލުން ވަޒީފާ އިން ވަކިކޮށްފައި ވަނީ ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދަމުން ގެންދާ ކަމުގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ފަހު ގަ އެވެ.