26 Nov 2013, 00:24
ސިފައިންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑްގެ އިތުރުން ސިފައިންގެ ފަސް މީހަކު މިއަދު ވަޒީފާ އިން ވަކިކޮށްފި އެވެ.
ސިފައިންގެ މީޑިއާ އޮފިޝަލް ހުސެއިން އަލީ މިރޭ ވިދާޅުވީ ނިލާމްގެ އިތުރުން ސިފައިންގެ ވަޒީފާ އިން މިއަދު ވަކިކޮށްފައިވާ ފަސް މީހުންނަކީ ފަސްޓް ލެފްޓިނެންޓް އަބްދުﷲ ޝަރީފާއި ސާޖެންޓް ފަސްޓް ކްލާސް އަލީ ވަހީދާއި ސްޓާފް ސާޖެންޓް އިބްރާހިމް އަލީ އާއި ސްޓާފް ސާޖެންޓް ހަސަން ހަމީދާއި ލާންސް ކޯޕްރަލް ސަހްރާބު ރާޝިދު ކަމަށެވެ.
އޭނާ ވިދާޅުވީ މި ފަސް މީހުންގެ ތެރެއިން އަބްދުﷲ ޝަރީފާއި އަލީ ވަހީދާއި އިބްރާހީމް އަލީ ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ހިލާފު ވެފައިވާތީ ކަމަށެވެ. އަދި ހަސަން ހަމީދު ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ސިފައިންގެ އަހުލާގާއި ސުލޫކަށް ހިލާފުވެފައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ޝަހުރާބު ރާޝިދު ސިފައިންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ ސިފައިންގެ އާއި ބެހޭ ސިއްރު މައުލޫމާތު އާންމުކޮށްފައިވާތީ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މި ފަސް ބޭފުޅުންގެ ތެރެއިން ހަސަން ހަމީދު ފިޔަވައި އެހެން ހުރިހާ ބޭފުޅުންނަކީ ވެސް ސިފައިންގެ ތެރޭގައި ހަމަނުޖެހުމާއި ފިތުނަ ފަސާދަ އުފެދި ކަމުގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައިވާ ފަސް ބޭފުޅުންނެވެ.
އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުގައި އަލީ ވަހީދު ސަސްޕެންޑް ކޮށްފައި ވަނީ ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުން އުފެއްދުމުގެ ތުހުމަތުގަ އެވެ. ޝަހުރާބު ރާޝިދު ސަސްޕެންޑް ކޮށްފައި ވަނީ ސިފައިންގެއާ ގުޅޭ މައުލޫމާތު ހާމަކުރަން ނުޖެހޭ ފަރާތްތަކަށް ހުއްދަ ނެތި ހާމަކޮށްފައި ވާތީ އެވެ. މީގެ އިތުރުން އަބްދުﷲ ޝަރީފު ސަސްޕެންޑުކޮށްފައި ވަނީ ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުން އުފެއްދުމުގެ ތުހުމަތުގަ އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ ފަހުކޮޅު ސިފައިންގެ ހަތަރު އޮފިސަރަކު ސޮއިކޮށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. އަދި ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދިޔަ ކަމުގެ ތުހުމަތުގައި އޭރު ސިފައިންގެ އޮފިސަރުންތަކެއް ވަނީ ސަސްޕެންޑް ވެސްކޮށްފަ އެވެ.