ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޓަކައި ބަނޑޭރިކޮށީގައި ފްލެޓް އެޅުމަށް ނިންމަވާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ ރައީސުލްޖޫމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގައުމީ ދިފާއީ ބާރުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާމަކުރުމަށް ކަލުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބަނޑޭރި ކޮށީގެ އެއް ބްލޮކްގައި 72 އެޕާޓްމަންޓްގެ ފްލެޓެއް އިމާރާތެއްގެ ބިންގާ އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން ސިފައިންނަށް ޚާއްސަކޮށް ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 300 ހައުސިން ޔުނިޓު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މާލޭގައި ސިފައިންގެ މަރުކަޒުތަކުގައި ގާއިމްކޮށްފައިވާ އެކޮމަޑޭޝަން ނިޒާމް ހަރުދަނާކޮށް މާލޭގައި ދިރިއުޅެވޭނެ ގޮތް ހަމަޖެހިފައިނުވާ ކޮންމެ ސިފައިންގެ މީހަކަށް ވެސް ސިފައިންގެ މަރުކަޒެއްގައި އެކޮމަޑޭޝަން ހަމަޖައްސައި ދިނުމަށް ނިންމަވާފައިވާ ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ މިލިޓަރީ ހޮސްޕިޓަލް، ސެނެހިޔާގައި އެމްއާރްއައި އަދި ސީޓީ ސްކޭން ހެދޭނެ އިންތިޒާމް ހަމަޖައްސައި ހުރިހާ ދާއިރާއެއްގެ ސްޕެޝަލިސްޓުން ވެސް އެތަނުގައި ޚިދުމަތްދޭ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ. އެކަމުގެ ސަބަބުން ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ އިތުރުން ޝަރަފްވެރިކަމާ އެކު ސިފައިންގެ ޚިދުމަތުން ރިޓަޔާ ކޮށްފައިތިބޭ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ފުރިހަމަ ސިއްހީ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސިފައިންގެ ހުރިހާ އޮޕަރޭޝަނަލް ކޮމާންޑުތަކާއި ތަމްރީނުދޭ މަރުކަޒުތަކުގައި ބެޗްލާ އިފް ސައިންސް އިން ޕްރައިމަރީ ހެލްތުކެއާ ހަދައިގެން ހުރި ސިފައިންގެ މެޑިކަލް އެސިސްޓެންޓަކު ބަހައްޓާގޮތަށް ވެސް ހަމަޖައްސަވާފައިވާ ކަމަށެވެ.

އިންޑިއާގެ އަސްކަރީ ހޮސްޕިޓަލްތަކުން ސިފައިންނަށް ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ވެސް މިހާރު ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.