25 Nov 2013, 22:02
ރާއްޖޭގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު ކަމަށް ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު އެންޖަލް ޕެރޭޒް ގާސިއާ މިރޭ ހަމަ ޖައްސައިފި އެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މިރޭ އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްކޮންފަރެންސްގައި ޕެރޭޒް ގާސިއާ، 56. އެޓީމުގެ ކޯޗުކަމަށް ހަމަޖެއްސިކަން އިއުލާންކުރީ ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) އެވެ. ޕެރޭޒް ގާސިއާ ނިއުގެ ކޯޗުކަމަށް ހަމަ ޖައްސާފައިވަނީ 2014 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން ނިމެންދެނެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާ އެކު ސީޒަންގެ ހުރިހާ ތައްޓެއް ކާމިޔާބު ކުރި ނިއުގެ ކޯޗު ކަމަށް ޕެރޭޒް ގާސިއާ ހަމަޖައްސާފައި މިވަނީ، ސީޒަން ނިމެން ކައިރިވެފައި ވަނިކޮށް އެޓީމުގެ ކުރީގެ ކޯޗު ބަލްގޭރިޔާގެ ވެލިޒާ ޕޮޕޯފް އޮމާންގެ ސޫރު ސްޕޯޓްސް ކްލަބާ ހަވާލުވުމަށް ނިއުގެ ކޯޗު ކަމުން ވަކިވުމުން އެމަގާމް ހުސްވެފައި އޮތުމަށް ފަހު އެވެ.
"މިފަހަރުގެ ސީޒަން ނިމުނުފަހުން ތަފާތު އެކި އޭޖެންޓުންނާއި އެކިއެކި ކޯޗުން އަޅުގަނޑުމެން ކްލަބް ފޮލޯ ކުރަމުން ދިޔައީ. އެގޮތުން މީގެ ދެދުވަސް ކުރީން ފެށިގެން މި ނެގޯސިއޭޝަންސްތައް ކްލޯޒް ވަމުންގޮން ގޮސް މިރޭ 8:30ގައި އަޅުގަނޑުމެން ބޯޑުގައި ޑެސިޝަން ނެގުމަށް ފަހު، ކޯޗު ސޮއިކުރުމުގެ ކަންތައް ނިމިގެން މިދިޔައީ،" ނިއުގެ ޗެއާމަން ވިދާޅުވި އެވެ. "ދިވެހިރާއްޖެއާ ދިވެހިރާއްޖޭގެ ފުޓްބޯޅާއާ ނިއުރޭޑިއަންޓް ފަދަ ކްލަބެއް މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި ކުޅެ ހޯދި ކާމިޔާބީ ވެގެންދިޔަ ކޯޗުން އަޅުގަނޑުމެންގެ ޓީމަށް ޝައުގުވެރިކަން ފާޅުކުރުމުގައި."
ބަލަކް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބަށް ޔޫރަޕްގެ ކުޅުން ރަނގަޅަށް ދަންނަ ކޯޗަކު ހަމަޖެހިގެން ދިއުމަކީ، ނިއުރޭޑިއަންޓްގެ އިތުރުން ރާއްޖޭގެ ފުޓްބޯޅައަށް ވެސް އޭގެ ރަނގަޅު އަސަރުތަކެއް ކުރާނޭ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މިފަހަރު ވަރަށް ބޮޑަށް އަމާޒު ހިފިން އިޓަލީ، ޖަރުމަނު އަދި ސްޕެއިން ފަދަ ވަރުގަދަ ގައުމެއްގެ ކޯޗެއް މުސާރަ ތަންކޮޅެއް ބޮޑު ނަމަވެސް ގެންނަން. އަޅުގަނޑުމެން ވަރަށް ބޭނުންވެފަ ތިބީ މިފަދަ ގައުމެއްގެ ކޯޗަކު ގެނެސްގެން އެގައުމުތަކުގެ ފުޓްބޯޅައިގެ ވިސްނުން ހުރިގޮތް ބަލަން. އާންމުކޮށް އަޅުގަނޑުމެންނަށް އެފޯޑަބަލް ކޯޗުން މި ލިބެނީ، ބަލްގޭރިއާ ސްލޮވާކިޔާ ތަންތަނުން،" ބަލަކް ވިދާޅުވި އެވެ.
ގާސިއާ އަކީ ޔުއެފާ ޕްރޯ ލައިސަންސް އޮންނަ ކޯޗެކެވެ. ރެއާލް މެޑްރިޑަށް 80ގެ އަހަރު ތަކުގައި ކުޅުނު ގާސިއާ ވަނީ ސްޕެއިންގެ އަލްމެރިއާގެ ބީ ޓީމުގެ ކޯޗުކަމާއި، ރެއާލް މެޑްރިޑުން ސެންޓްރަލް އެމެރިކާގައި ހިންގާ ސޯޝަލް އިންޓަގްރޭޝަން ޕްރޮގްރާމްތަކުގައި ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން މެދުއިރުމަތީގެ ބައެއް ކްލަބްތަކަށް ވެސް ކޯޗްކަން ކޮށްދީފަ އެވެ.
ސްޕެއިންގެ މިހާރުގެ ކޯޗު ޑެލް ބޯސްކޭއާއެކު ރެއާލްއަށް ކުޅުނު ގާސިއާ ވަނީ، ރެއާލްގެ އިތުރުން ސްޕެއިންގެ ސީޑީ ރޮލްޑާން، ރެއާލް މުރްސިއާ އަދި އެލްޗޭއަށް ވެސް ކުޅެފަ އެވެ.