25 Nov 2013, 21:44
މެޗުގެ ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ހަމައެކަނި ލަނޑުން ސީޝެލްސްގެ 23 އަހަރުން ދަށުގެ ގައުމީ ޓީމް އަތުން 1-0 ލަނޑުން ރާއްޖޭގެ ގައުމީ ޓީމް މިރޭ މޮޅުވެއްޖެ އެވެ.
އަންނަ އަހަރު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް މިއަދު ސީޝެލްސްގެ 23 އަހަރުން ދަށުގެ ގައުމީ ޓީމް އަތުން މޮޅުވި އިރު، އެ ގައުމުގެ ސީނިއާ ޓީމާއެކު ވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ސީޝެލްސްގެ ގައުމީ ޓީމާއެކު ރާއްޖޭގެ ގައުމީ ޓީމް އަންނަ ބުދަ ދުވަހާއި އަންނަ ހުކުރު ދުވަހު ވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ރާއްޖެ އާއި ސީޝެލްސް ވާދަކޮށްފައިވާ އިރު އޭގެ ތެރެއިން ދެ ފަހަރު ރާއްޖެ ވަނީ ސީޝެލްސްގެ މައްޗަށް ކުރި ހޯދާފަ އެވެ. އެގޮތުން ރާއްޖޭގައި މި ދެ ޓީމު ވާދަކުރި ދެމެޗުން އެއް މެޗު 3-0 އިން އަދި އަނެއް މެޗު 2-1 އިން ރާއްޖެ ވަނީ ކާމިޔާބުކޮށްފަ އެވެ. އޭގެ ކުރިން 2011 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސީޝެލްސްއިން ރާއްޖެ މައްޗަށް ކުރިހޯދީ 5-1 އިންނެވެ.
މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން އަންނަ އަހަރުގެ ޗެލެންޖް ކަޕުން ރާއްޖެ އަށް ފުރުސަތު ލިބިފައިވާ އިރު ރާއްޖޭގެ އިތުރުން މުބާރާތުގައި ވާދަކުރާނީ، އަފްޣާނިސްތާނާއި ފަލަސްތީނާއި މިޔަންމާ އާއި ކިރުގިސްތާނާއި ތުރުކުމެނިސްތާނާއި ފިލިޕީންސާއި އަދި ލާއޮސް އެވެ.
އެފްއޭއެމުން ރާވާފައި ވަނީ އަންނަ އަހަރުގެ އޭއެފްސީ ޗެލެންޖު ކަޕްގައި ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ގަލޮޅު ދަނޑުގައި ކުޅޭށެވެ. އަނެއް ގްރޫޕުގެ މެޗުތައް ބާއްވާނީ އައްޑޫ ހިތަދޫ ޒޯން ސްޓޭޑިއަމުގަ އެވެ.