25 Nov 2013, 19:40
އެމްއެންޑީއެފްގެ ކާނަލް އަހުމަދު ނިލާމް މިއަދު ސިފައިންގެ ވަޒީފާއިން ވަކިކޮށްފި އެވެ.
އެމްއެންޑީއެފް އިން ބުނީ ނިލާމް ސިފައިންގެ ވަޒީފާއިން ވަކިކުރުމުގެ ކުރިން ބްރިގޭޑިއަ ޖެނެރަލްގެ މަގާމުން ކާނަލް ރޭންކަށް މިއަދު ޑިމޯޓްކުރި ކަމަށެވެ.
"އަހުމަދު ނިލާމް ސިފައިންގެ ވަޒީފާއިން ވަކިކުރައްވާފައި ވަނީ ސިފައިންގެ ވާޖިބާއި އަހުލާގާއި ހަމަތަކާއި ހިލާފުވުމާއި، ސިފައިންގެ ޖެނެރަލް އޮފިސަރެއްގެ ފަރާތުން ފެނިގެން ނުވާނެފަދަ އަމަލުތައް ތަކުރާރުވުމާއި، ގަވާއިދާއި ހިލާފަށް ސިފައިންގެއާއި ބެހޭ ސިއްރު މައުލޫމާތު ހާމަކުރުމާއި، ސިފައިންގެ އިއްޒަތާއި ކަރާމާތް ގެއްލުވާލައި، ސިފައިންގެ ތެރޭގައި ފިތުނަ ފަސާދައާއި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރަމުން ގެންގޮސްފައިވާތީ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ނިލާމް ސިފައިންގެ ވަޒީފާއިން މިއަދު ވަކިކުރި އިރު އޭނާ ވަނީ ކޯނީ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ދެއްކެވި ވާހަކަތަކަށްފަހު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި އެމްއެންޑީއެފް އިން ބުނީ އޭނާ ސަސްޕެންޑްކޮށްފައި ވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އޭނާ މަގާމުން ވަކިކުރުމުގެ ކުރިން ދާދިފަހުން ވަނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅޭ ގޮތުން ވާހަކަތަކެއް ދެއްކެވިކަމުގެ ތުހުމަތުގައި ޕޮލިހަށް ވެސް ހާޒިރުކޮށްފަ އެވެ.
ނިލާމަށް ބްރިގޭޑިއާ ޖެނެރަލްގެ މަގާމު ދީފައި ވަނީ 2010 ވަނަ އަހަރުގެ ތެރޭގަ އެވެ.
ނިލާމް ސިފައިންގެ ހިދުމަތުން ވަކިކުރިއިރު އެމްއެންޑީއެފްގެ ކާނަލް އަލީ ޒުހައިރު ވަނީ ބްރިގޭޑިއާ ޖެނެރަލްގެ މަގާމަށް ޕްރޮމޯޓްކުރައްވައިފަ އެވެ.