25 Nov 2013, 19:19
ފިރިހެނުންނަށް ކުރާ އަނިޔާގެ ވާހަކަ ދައްކަނީ އަންހެނުންނަށް ކުރާ އަނިޔާގެ ހަގީގަތް އޮޅުވާލަން ދައްކާ އުޒުރެއްގެ ގޮތުން ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ 16 ދުވަހުގެ ހާއްސަ ކެމްޕެއިން ރާއްޖޭގައި ފެށުމުގެ ގޮތުން ރާޅުގަނޑުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭޖީ ވިދާޅުވީ އަނިޔާ ލިބޭ މީހުންނަށް ބަލާއިރު ގިނައީ އަންހެނުން ކަމަށާއި އަދި އަނިޔާ ކުރާ މީހުންނަށް ބަލާއިރު ގިނައީ ފިރިހެނުން ކަމަށެވެ. އޭޖީ ވިދާޅުވީ ފިރިހެނުން ކުރާ އަނިޔާގެ ވާހަކަ ދައްކަނީ އަންހެނުންނަށް ކުރާ އަނިޔާގެ ހަގީގަތް އޮޅުވާލުމަށް ދައްކާ އުޒުރެއްގެ ގޮތުން ކަމަށެވެ.
"އަނިޔާ ލިބޭ މީހުންނަށް ބަލާއިރު ގިނައީ އަންހެނުން. އަނިޔާ ކުރާ މީހުންނަށް ބަލާއިރު ގިނައީ ފިރިހެނުން. މިއީ ދިރާސާތަކުން ބަލާއިރު ވެސް ފެންނަން އޮތް ހަގީގަތެއް،" އަނިލް ވިދާޅުވި އެވެ.
އަނިލް ވިދާޅުވީ އަނިޔާ އަދިވެސް ބައެއް މީހުން ގަބޫލު ނުކުރާ ކަމަށާއި ހާއްސަކޮށް ގެވެށި އަނިޔާ އަދިވެސް ގަބޫލު ނުކުރާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ހަދާފައިވާ ގާނޫނުތަކާ ދޭތެރޭ މީހުން ހޭލުތެރި ކުރުވަން އެބަޖެހޭ ކަމަށް ވެސް އޭޖީ ވިދާޅުވި އެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ހެލްތު އެންޑް ޖެންޑާ މިނިސްޓާ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ ބައެއް އާދަކާދައިގެ ސަބަބުން އަދިވެސް ފާޅުގައި އެ ވާހަކަ ދައްކަން ޖެހިލުންވެފައި ތިބޭކަމީ ކަންބޮޑުވާ ޖެހޭ ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަންހެނުން ކުރާ އަނިޔާ އަކީ އަދިވެސް މިމުޖުތަމައުގައި ބަލައިގަންނަ ކަމެއް ކަމަށާއި އަދި އެފަދަ އަނިޔާ ކުރެވޭނެ ކަމަކަށް ބުނެ ދައުވާ ކުރާތަން ފެނުމަކީ އަންހެނުންނަށް ދެވޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.
"އަނިޔާ ލިބެނީ ވަކި މަގަކުން ހިނގާތީ ވަކި ހެދުމެއް އަޅާތީ ވަކި ގަޑިއެއްގައި ތަންތަނަށް ދާތީ ކަމަށް ބުނެ އެބަ އަނިޔާ ޖަސްޓިފައި ކުރެވޭ. މިއީވެސް ވަރަށް ހިތާމަ ހުރި ކަމެއް،" މިނިސްޓަރު ޝަކީލާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކޮންމެ ތަނަކަށް ދިޔަސް ކޮންމެ ފަދަ ހެދުމެއް އެޅިޔަސް އެއީ އަނިޔާ ލިބެންވީ ސަބަބެއް ނޫން ކަމަށާއި އަދި އެކަމަކީ ބަލައިގަނެވޭނެ ކަމެއް ވެސް ނޫން ކަމަށެވެ.
ޖެންޑާ މިނިސްޓަރު ވިދާޅުވީ ސްކޫލް އާއި ގޭތެރޭގައި އަންހެން ކުދިންނާ ފިރިހެންކުދިންނާ ދޭތެރޭކުރާ ތަފާތުކުރުން އާންމު ކަމަށާއި އެފަދަ ތަފާތު ކުރުންތައް ހުއްޓުވައިގެން ނޫނީ އަޅުގަނޑުމެން ބޭނުންވާ މުޖުތަމައުއެއް ގާއިމު ނުކުރެވޭނެ ކަމަށެވެ.
އަންހެނުންނަށް ކުރާ އަނިޔާގެ ސަބަބުން ޖިސްމާނީ ގޮތުން ބަލިކަށިވެގެންދާ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އަންހެނުނަށް ކުރާ އަނިޔާގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބޭ އަނިޔާ އަށް ފަރުވާ ދިނުމުގައި ވަސީލަތްތައް މަދުވުމާއި ދޭންޖެހޭ ހިދުމަތްތައް އެކަށީގެންވާ މިންވަރަށް ލިބެން ނެތުމުން ދިމާވާ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑު ކަމަށެވެ. އަދި އެކަމަށް ހައްލެ ހޯދުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ހެލްތު އެންޑް ޖެންޑާ މިނިސްޓަރު ވިދާޅުވި އެވެ.