ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ހިލޭ އަންހެނަކާ އެކު "ބަދުއަޚުލާގީ އަމަލު" ހިންގި މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ކޮމެޓީގެ މެމްބަރުކަމަށް މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ހަމަޖައްސަވައިފި އެވެ.

ޖޭއެސްސީން ބުނީ ސުއޫދު އެ ކޮމެޓީގެ މެމްބަރުކަމަށް އައްޔަން ކުރައްވާފައި ވަނީ އެ ކޮމެޓީގެ މެމްބަރު މުހައްމަދު އަނިލް ދައުލަތުގެ ބަންޑާރަ ނާއިބްކަމަށް އައްޔަންކުރެއްވުމާ ގުޅިގެން ކަމަށެވެ.

އަލީ ހަމީދުގެ މައްސަލަ ބަލައި ވަކިގޮތެއް ނުނިމި ގިނަ ދުވަސްތަކެއްވާތީ ގިނަ ފަރާތްތަކުން އަންނަނީ އެކަމާ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އަލީ ހަމީދު ނަހަމަގޮތުގައި ޖިންސީ ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯގެ މައްސަލަ ބަލާ ކޮމެޓީގައި ސުއޫދުގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނާއިބު ރައީސް އަބްދުﷲ ދީދީއާއި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު ލަތީފާ ގާސިމާއި ކޮމިޝަންގެ މެމްބަރު އަހްމަދު ރަޝީދު އާއި ކޮމިޝަނުން ބޭރު ބޭފުޅެއްގެ ގޮތުގައި ގާނޫނީ ވަކީލު ހުސައިން ސިރާޖެވެ.