25 Nov 2013, 18:51
ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މިމަހުގެ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ބޭފުޅުންނަށް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް އިތުރު ހަ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް، ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ރ. ގައިވާ ގޮތުގެމަތީން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައި ވަނީ އިސްލާމިކް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޑރ. މުހަންމަދު ޝަހީމް އަލީ ސައީދާއި ހޯމް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި އުމަރު ނަސީރުގެ ނަން އަދި ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޑރ. މުހަންމަދު ޝައިނީ، އިކޮނޮމިކް މިނިސްޓަރު މުހންމަދު ސަޢީދު، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި އެންވަޔަރަންމަންޓް އެންޑް އެނާޖީ ކަމަށް އައްޔަންކުރެއްވި ތޯރިގު އިބްރާހީމްގެ ނަންފުޅު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިން ފަސް ބޭފުޅަކަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފަ އެވެ.އަދި އެ ނަންތައް ފާސްކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.