ބޭރަށް ދަތުރުކުރާ ދިވެހިން ހަރަދުކުރާ މިންވަރު ބެލުމަށް ސާވޭއެއް ކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

މަރުކަޒީ ބޭންކުން ބުނީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓް ތައްޔާރުކުރުމަށް ބޭނުންވާ ހިސާބުތައް އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން ބޭރުން އަންނަ ދިވެހިންނަށް އަމާޒުކޮށްގެން ކުރާ ސާވޭ މިމަހުގެ 22 ން 28 އަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި އޮންނާނެ ކަމަށެވެ.

އެމްއެމްއޭ އިން ބުނީ އެ ސާވޭގައި މައިގަނޑު ގޮތެއްގައި އޮންނާނީ ރާއްޖެއިން ބޭރުގައި ދިވެހިން އެކި ކަންކަމަށް ފައިސާ ހަރަދުކުރާ ގޮތް އޮޅުން ފިލުވުން ކަމަށެވެ. އަދި ވަކި ވަކި ފަރުދުންނާ ގުޅޭ ގޮތުން އެ ސާވޭގައި އެއް ކުރެވޭ މައުލޫމާތު ޝާއިއުނުކުރާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ އެ ސާވޭއަށް އެއްބާރުލުން ދިނުމަކީ އެ އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އެ އޮތޯރިޓީން މީގެ ކުރިން މިފަދަ ސާވޭތައް އެކިފަހަރުމަތިން ކޮށްފައިވެ އެވެ.