25 Nov 2013, 17:28
ރާއްޖެ ޓީވީގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި ހައިކޯޓުން ހުކުމް ކޮށްފި އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ރާއްޖެ ޓީވީގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ހއ. މުރައިދޫ ހިޔަލީގޭ މުހައްމަދު ޔާމީންގެ ބަންދުގެ މުއްދަތު 15 ދުވަހުގެ މުއްދަތަށް އިތުރުކޮށްފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހި 3:05 އެހައިކަންހާއިރު އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ފަތިހު 4:42 އެހައިކަންހާއިރު ރާއްޖެ ޓީވީގައި ހުޅުޖެހުމުގެ ސަބަބުން ބީކޭޓީ ބިލްޑިންގައި ހުންނަ ކޮމްޕިއުޓާ ޕްލަސްގެ ގުދަނުގައި ހުރި ހުރިހާ ތަކެއްޗެއް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ މުހައްމަދު ޔާމީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ އޭނާގެ މައްޗަށް އެއްވެސް ހެއްކެއް ނެތި ކަމަށް ޔާމީން ބުނާއިރު އެމީހެއްގެ މައްޗަށް ޝައްކު ކުރެވޭ ކުށުގެ ނުރައްކާތެރިކަމަށާއި އަދި އެހެނިހެން ކަންތައްތަކަށް ފަނޑިޔާރު ރިއާޔަތް ކުރައްވަންޖެހޭނެ ކަމަށް ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ބަންދުގެ މުއްދަތު އިތުރުކުރާއިރު ކޯޓަށް ހުށަހަޅަންޖެހޭނީ އެ މައްސަލައެއް ޝަރީއަތަށް ސާބިތުވާ މިންވަރުގެ ހެކި ގަރީނާ ނޫން ކަމަށާއި އެފަދަ މައްސަލަތަކުގައި ހުށަހަޅަންޖެހޭނީ ކުށެއް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރިގެ ހެކި ކަމަށެވެ.
ޔާމީންގެ އިތުރުން ވެސް އިތުރު ބަޔަކު ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފަ އެވެ.