25 Nov 2013, 17:18
މާލޭ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގެންނަވާ އެމްޑީޕީގެ މެމްބަރު ލުފްޝާން ޝަކީބު (ލޫއްޕެ) އެމްޑީޕީގެ މެމްބަރުކަމުން ވަކިވެވަޑައިގެންފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރަކު މިއަދު ސަން އަށް ވިދާޅުވީ ލުފްޝާން އެމްޑީޕީން މިއަދު ވަކިވެވަޑައިގަތް ވާހަކަ އޭނާ އަށް ދަންނަވާފައިވާ ކަމަށެވެ. އަދި ކައުންސިލްގެ ގޮނޑިއަށް ދެން ނުކުމެ ވަޑައިގެންނަ ވާނީ އަމިއްލަ ގޮތުން ކަމަށް ވެސް ވިދާޅުވެފައިވާ ކަމަށެވެ.
ލުފްޝާންގެ ޓުވީޓާ އެކައުންޓްގައި ރޭ އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "މާދަމާ އަޅުގަނޑުގެ ސިޔާސީ ލައިފްގައި އެންމެ އުނދަގޫ ނިންމުން ނިންމަން ކަނޑައަޅާފައި ދުވަސް" ކަމަށެވެ. އަދި މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައި އެމްޑީޕީ އިން ވަކިވެފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް އޭނާ އެމްޑީޕީ އިން ވަކިވި ސަބަބެއް އަދި ލުފްޝާންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަންނަ ޖެނުއަރީ މަހުގެ ރާއްޖޭގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ޕާޓީން ވަނީ އެ ފުރުސަތު ބުރާސްފަތީގެ ނިޔަލަށް ހުޅުވައިލައިފަ އެވެ. އަދި އިލެކްޝަނުން ކަނޑައަޅާފައިވާ ދާއިރާތަކުގެ ގޮނޑިއަކަށް އެކަކަށް ވުރެ ގިނަ ފަރާތްތަކުން އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ނަމަ އެ ގޮނޑިއަކަށް ކުރިމަތިލާނެ މެމްބަރަކު ހޮވާނީ މިމަހުގެ 30ގައި ބާއްވާ ޕާޓީގެ ޕްރައިމަރީއަކުން ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.