06 Dec 2010, 09:43
މިދިޔަ އަހަރު، މި އަހަރު ލިބޭނެ ކަމަށް ލަފާކުރި ވަރަށް ވުރެ މި އަހަރު ލިބުނު އާމްދަނީ 752 މިލިއަން ރުފިޔާ މަދު ކަމަށް ސަރުކާރުން ރައްޔިތުން މަޖުލީހަށް ފޮނުވާފައިވާ ބަޖެޓުން ހާމަ ވެއްޖެ އެވެ.
މި އަހަރު ނިމޭއިރު އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން ކުރިން ލަފާކޮށްފައި އޮތީ 6,840.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ރައްޔިތުންގެ މަޖުލީހަށް ފޮނުވާފައިވާ، އަންނަ އަހަރުގެ ބަޖެޓު މައުލޫމާތުގައިވާ ގޮތުން މި އަހަރު ނިމޭއިރު ލިބޭނެ ކަމަށް މިހާރު ލަފާކޮށްފައި ވަނީ، ކުރިން ލަފާކުރި ވަރަށް ވުރެ 11 ޕަސެންޓް، ނޫނީ 752.4 މިލިއަން ރުފިޔާ މަދު އަދަދެކެވެ. މިހާރު ލިބޭނެ ކަމަށް ލަފާކުރާ އަދަދަކީ 6,087.9 މިލިއަން ރުފިޔާ އެވެ.
ބަޖެޓު ހުލާސާ ބަޔާނުގައިވާ ގޮތުން ސަރުކާރަށް ލިބުނު އާމްދަނީ ލަފާކުރި ވަރަށް ވުރެ މަދުވެފައި ވަނީ ޖީއެސްޓީގެ އާއި ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް ތަންފީޒު ކުރެވިފައި ނުވާތީ އާއި ކުރިން ހުޅުވޭނެ ކަމަށް ލަފާކުރި 13 ރިސޯޓުގެ ތެރެއިން ހުޅުވިފައި ވަނީ އެންމެ ތިން ރިސޯޓުކަމުގައި ވާތީ ކަމަށެވެ.
އަންނަ އަހަރު ސަރުކާރަށް ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައި ވަނީ 8761.8 މިލިއަން ރުފިޔާ އެވެ. އެއީ މި އަހަރާ އަޅާ ބަލާއިރު 44 ޕަސެންޓުގެ ކުރިއެރުމެކެވެ. ސަރުކާރުން ލަފާކޮށްފައިވާ ގޮތުން އަންނަ އަހަރު ލިބޭ އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރާނީ، ޖީއެސްޓީ އާއި ވިޔަފާރިތަކުން ލިބޭ ޓެކްސް އާއި ރިސޯޓުތަކުގެ މުއްދަތު އިތުރުކޮށްގެން ސަރުކާރަށް ލިބޭ އާމްދަނީ އެވެ. އަދި ޕުރައިވެޓައިޒޭޝަން އިން ސަރުކާރަށް އާމުދަނީގެ ބޮޑު ޕަސެންޓެއް ވަންނާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ.
ނަމަވެސް އަންނަ އަހަރު ސަރުކާރުގެ ކުންފުނިތަކުން ލިބޭ އާމްދަނީގެ 28 ޕަސެންޓް ދަށަށް ދާނެ ކަމަށް ބަޖެޓުގައިވެ އެވެ. އެއީ ދިރާގުން ޑިވިޑެންޑުގެ ގޮތުގައި ލިބޭ ފައިސާ އަކީ އެއްފަހަރާ ލިބޭ ފައިސާ އަކަށްވުމުން ކަމަށް ބަޖެޓުގެ ބަޔާނުގައިވެ އެވެ.
މީގެ ކުރިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވެސް ވަނީ ޓެކްސް ބިލްތަކާއި އަދި އެހެނިހެން ބިލްތައް ފާސްވެފައި ނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.