25 Nov 2013, 16:45
އެއް މިލިއަން ވަނަ ޓޫރިސްޓް މި އަހަރު ރާއްޖެ އަށް ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވީ އިއްޔެގެ ނިޔަލަށް ރާއްޖެ އަށް އެއް މިލިއަން ދުވިސައްތަ ތިން ޓޫރިސްޓުން ރާއްޖެ އަށް އައިސްފައިވާ ކަމަށެވެ.
"ނޮވެމްބާ 24ގެ ނިޔަލަށް މިވަނީ އަޅުގަނޑުމެންގެ ޓާގެޓަށް އެޗީވް ވެފައި. އެހެންކަމުން އެކަން ވަރަށް އުފަލާ އެކު އަޅުގަނޑު ހިއްސާކޮށްލަންބޭނުން،" މިނިސްޓަރު އަދީބް ވިދާޅުވި އެވެ.
މި އަހަރު އެއް މިލިއަން ޓޫރިސްޓުން ރާއްޖެ އަށް އައިސްފައިވާ އިރު ބޮޑުބައެއް ހިއްސާ ކޮށްފައި ވަނީ އޭޝިއާ އާއި ޔޫރަޕުގެ ގައުމުތަކުންނެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ސިޔާސީ ބޮޑެތި ގޮންޖެހުންތަކާ އެކު ވެސް އެ ޓާގެޓަށް ވާސިލްވެވުނީ ކުރި ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. އަދި މިއަންނަ އަހަރު އެއަށް ވުރެ ބޮޑު ޓާގެޓަކަށް ވާސިލް ވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކުރިއަށް އޮތް އަހަރަށް ވެސް ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމަށް ގާތްގަނޑަކަށް 50 މިލިއަނާއި 100 މިލިއަނާ ދެމެދު ބަޖެޓެއް ހޯދުމަށް އެދިފައިވާނެ ކަމަށާއި ޓޫރިޒަމަށް ކުރާ ހޭދައަކީ އިންވެސްޓްމަންޓެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެ އިންވެސްޓްމަންޓުގައި ހޭދަކުރާ ކޮންމެ ޑޮލަރަކަށް އެތައް ޑޮލަރެއް ލިބޭނެ ކަމަށް ވެސް އަދީބް ވަނީ ވިދާޅުވި އެވެ.
އެއް މިލިއަން ޓޫރިސްޓުންގެ ޓާގެޓް ހާސިލް ވެފައިވާ އިރު ދިވެހިންތަކެއް އިސްވެ ތިބެގެން މި އަހަރު ވެސް ރާއްޖޭގެ އިގްތިސާދު ބޮއިކޮޓް ކުރުމަށް ބޭރުގެ ބޮޑެތި ނޫސްތަކަށް ވަނީ އިންޓަވިއުތައް ދީފަ އެވެ. އޭޖެންސް ފްރާންސް ޕްރެސް (އޭއެފްޕީ) އަށް ދިން އިންޓަވިއުއެއްގައި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިންޓަނޭޝަނަލް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލްޣަފޫރު ވަނީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލައިފަ އެވެ.