އިސްލާމްއާބާދު (ނޮވެމްބަރު 25): ޑްރޯން މަތިންދާބޯޓުތައް ބޭނުންކޮށްގެން ޕާކިސްތާނުގެ ގަބީލާ ސަރަހައްދުތަކަށްއެމެރިކާ ދެމުންގެންދާ ޙަމަލާތައް ހުއްޓުވުމަށް ގޮވާލައި ޕާކިސްތާނުގައި މުޒާހަރާކުރަމުން ދިޔަ އެތައް ހާސް ބަޔަކު، ނޭޓޯގެ ފައުޖުތަކަށް ސަޕްލައި ފޯރުކޮށްދިނުމަށް ބޭނުންކުރާޕާކިސްތާނުގެ މަގުތައްބަންދުކޮށްފި އެވެ.

މި މުޒާހަރާގައި އިސްކޮށް ޙަރަކާތްތެރިވާ ޕާކިސްތާނުގެ ސިޔާސީ ލީޑަރު ކަމަށްވާ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން ވިދާޅުވީ މިމުޒާހަރާގެ ބޭނުމަކީޑްރޯން މަތިންދާބޯޓުތައް ބޭނުންކޮށްގެން ޕާކިސްތާނުގެ ގަބީލާ ސަރަހައްދުތަކަށް އެމެރިކާ ދެމުންގެންދާ ޙަމަލާތައް ހުއްޓުވުމަށް ޕާކިސްތާން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުން ކަމަށާ މިއީ ސިލްސިލާކޮށް ކުރިޔަށްގެންދިޔުމަށް ރާވާފައިވާ މުޒާހަރާތަކެއް ކަމުގަ އެވެ. އިމްރާން ވަނީ އެމެރިކާގެ ޑްރޯން ހަމަލާތަކަކީ ކުށެއްނެތް އެތައް ބަޔަކު މަރުވެގެންދާ އަނިޔާވެރި ހަމަލާތަކެއް ކަމަށް ވިދާޅުވެ އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.

މިމުޒާހަރާ ފެށުމުގެ ދެ ދުވަސްކުރިން އެމެރިކާ ޕާކިސްތާނުގެ ވަޒީރުސްތާނަށް ދިން ޑްރޯން ހަމަލާއެއްގައިވެސް ވަނީ ފަސް މީހަކު މަރުވެފަ އެވެ. އެމެރިކާ ޕާކިސްތާނުގެ ގަބީލާ ސަރަހައްދުތަކަށް މިޙަމަލާތައް ދެމުން ގެންދަނީ ޓެރަރިޒަމާ ހަނގުރާމަކުރުމުގެ ނަމުގައި ޕާކިސްތާނުގެ ހަތިޔާރުއެޅި ޖަމާއަތްތަކާ ދެކޮޅަށް ކަމަށް ބުނެފަ އެވެ. ނަމަވެސް މިޙަމަލާތަކުގައި ގިނައިން މަރުވަނީ ވަޒީރުސްތާނުގެ ކުށެއްނެތް އާންމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެމެރިކާއިން ދޭ ޑްރޯން ހަމަލާތަކަކީ ޕާކިސްތާނުގެ މިނިވަންކަމާއިއިސްތިޤުލާލާ އަދި ސިޔާދަށްހުރި ނުރައްކަލެއް ކަން ބަޔާންކޮށް އެހަމަލާތައް ހުއްޓާލުމަށް ޕާކިސްތާން ސަރުކާރުން ވަނީ އެތަށްފަހަރަކު އެމެރިކާގެ ކިބައިން އެދެފަ އެވެ. ނަމަވެސް އެމެރިކާއިން ޙަމަލާތައް ހުއްޓާލާފައެއް ނުވެ އެވެ.

ދެ ހާސް ހަތްން ފެށިގެން އެމެރިކާ ދެމުންގެންދާ ޑްރޯން ޙަމަލާތަކުގައި ޕާކިސްތާނުގެ ހާހަކަށް ވުރެ ގިނަ އާންމުން މަރުވެފައިވާ ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުންވަނީ އަންދާޒާކޮށްފަ އެވެ. ޑްރޯން ޙަމަލާތަކާ ދެކޮޅަށް މުޒާހަރާކުރާ މީހުން، ނޭޓޯގެ ފައުޖުތަކަށް ސަޕްލައި ފޯރުކޮށްދިނުމަށް ބޭނުންކުރާޕާކިސްތާން މަގުތައް ދިގުމުއްދަތަކަށް ބަންދުކޮށްފައިވާ ޙާލަތުގައި އެމަގުތައް ހުޅުވުމަށް ޕާކިސްތާން ސަރުކާރުން މަސައްކަތް ނުކޮށްފި ނަމަ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ނޭޓޯގެ ފައުޖުތަކަށް ބޭނުންވާ ތެލާއި ކާބޯތަކެއްޗާއި އެނޫން ވެސް ސަޕްލައިގެ ދަތިކަން ފޯރާނެ ކަމަށާ ޕާކިސްތާން ފިޔަވައި އެހެން ގައުމެއް މެދުވެރިކޮށް މި ސަޕްލައި ފޯރުކޮށްދިނުން ދަތިވާނެ ކަމަށް މުރާސިލުން ބުނެ އެވެ. (ރޮއިޓާސް)