އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ 16 ދުވަހުގެ ހާއްސަ ކެމްޕެއިން ރާއްޖޭގައި މިއަދު ފަށައިފި އެވެ.

އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހިންގާ ކެމްޕޭންގެ ހާއްސަ 16 ދުވަހަކީ 1991ގައި އަންހެން ކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާ އާއި އިންސާނީ ހައްގުތަކާ މެދު މީހުން ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ހިންގަން ފެއްޓި ކެމްޕޭނެކެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ރާޅުގަނޑު ސަރަހައްދުގައި މިއަދު ހަވީރު ފެށި މި ކެމްޕޭން މިއަދުން ފެށިގެން އަންނަ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އެ 16 ދުވަހުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އިންސާނީ ހައްގުތަކާ ބެހޭ ދުވަސް ވެސް ހިމެނިފައިވެ އެވެ.

އެ ކެމްޕޭންގެ މައިގަނޑު މަގުސަދަކީ އަންހެނުންނަށް ކުރާ އަނިޔާ މުޖުތަމައުން ނައްތާލުމާއި ގެވެށި އަނިޔާގެ ގާނޫނުނަށް މީހުން އަހުލުވެރި ކުރުވުމެވެ. އަދި މީގެ އިތުރުން އަންހެނުންނާއި ފިރިހެނުން އެއް ހަމައެއްގައި މުޖުތަމައުގެ އެންމެހާ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

"ތިނަކުން އެކެއް"ގެ ނަމުގައި ފާއިތުވި ތިން އަހަރު ވެސް އެކެމްޕެއިން ރާއްޖޭގައި ގެންދަނީ ބާއްވަމުންނެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިފަހަކަށް އައިސް އަންހެނުންނަށް އެކި ގޮތްގޮތުން ކުރާ އަނިޔާ އިތުރުވަމުން ގޮސްފައިވާ ކަމަށެވެ. އެގޮތުން 2012 އިން ފެށިގެން މާޗް 2013 އާއި ހަމައަށް 82 މައްސަލަ ހަމައެކަނި އެމިނިސްޓްރީ އަށް ވެސް ރިޕޯޓްކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.

އެ މައްސަލަތަކުގެ އަދަދު އިތުރު ވަމުން ދިއުމާ ގުޅިގެން އެކަންކަން ހުއްޓުވުމަށް ޓަކައި ނުވަތަ މިކަންކަމަށް މުޖުތަމު ރައްކާތެރިކުރުވުމުގެ ސަރުކާރާއި ކަމާ ބެހޭ ފަރާތްތަކުން ހާއްސަ މަސައްކަތްތަކެއް ގެންދަނީ ކުރަމުންނެވެ.