ގާނޫނުލް އުގޫބާތު ބިލް އަލުން މުރާޖައާ ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އެދިފައިވާތީ، އެކަމަށް 10 ދުވަހުގެ މުހުލަތެއް ދިނުމަށް ކޮމިޓީން ނިންމައިފި އެވެ. މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ، ގާނޫނުލް އުގޫބާތުގެ ބިލް އަލުން މުރާޖާކުރަން 10 ދުވަހުގެ މުހުލަތެއް ދިނުމަށް ކޮމިޓީން ނިންމީ އެ ބިލަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދިރާސާ ކުރަމުން އަންނަ ބިލަކަށްވެފައި އަދި އެ ކޮމިޓީން އެ ބިލް ދިރާސާ ކުރަމުން އަންނަ އިރު، ބިލާ ގުޅުން ހުރި އެކިއެކި ފަރާތްތަކާ ބައްދަލުކޮށް އެ ފަރާތްތަކުން ހުށަހަޅާފައިވާ ކޮމެންޓްތަކާއި އިސްލާހުތައް އެ ކޮމިޓީ އިން ބަލައިގެންފައިވާ ބިލަކަށް ވާތީވެ ކަމަށެވެ. އަދި އެ ބިލަށް އެކިފަހަރު މަތިން އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް ހުށަހަޅުއްވާފައިވާ އިސްލާޙުތަކުގެ ތެރެއިން 90 ޕަސެންޓަށް ވުރެ ގިނަ އިސްލާޙުތައް ބަލައިގަނެ، އެ އިސްލާޙުތައް ކޮމިޓީން ބިލުގައި ހިމަނުއްވާފައި ވާތީ ކަމަށް ވެސް މަޖިލީހުގެ އިދާރާ އިން ބުނެ އެވެ. އަދި، 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި އެ ބިލުގެ މަސައްކަތް ނުނިމިއްޖެ ނަމަ، އެ ބިލް ގާނޫނަކަށް ވުމުގެ ފުރުސަތު ގެއްލިގެންދާނެތީ އާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަލުން އެ ބިލުގެ މަސައްކަތް ފަށައިގެން ކުރަންޖެހިދާ ނެތީ، އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް ވީހާ ވެސް އަވަސް މުސްތަގުބަލެއްގައި ނިންމުމަށް ކަމަށް ވެސް މަޖިލީހުގެ އިދާރާ އިން ބުންޏެވެ. މިއަދުގެ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ އަދި މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.