ދުނިޔޭގެ އެންމެ ބިޔަ މޮބައިލްފޯނު ހަދާ ދެ ކުންފުނި ކަމަށްވާ ސެމްސަންގާ އެޕަލްގެ ދެމެދުގައި ހިނގަމުންދާ ކޯޓު ހަނގުރާމައިގެ ތެރެއިން މައްސަލައެއްގައި އެމެރިކާގެ ކޯޓަކުން އެޕަލްއަށް 290 މިލިއަން ޑޮލަރު ދިނުމަށް ސެމްސަންގުގެ މައްޗަށް ހުކުމްކޮށްފިއެވެ.

ސައުތު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސެމްސަންގުގެ މައްޗަށް އެ ހުކުމް ކުރީ އެޕަލްގެ މަޝްހޫރު އައިފޯނާއި އައިޕްޑް އުފެއްދުންތަކުގެ ބައެއް ފަރުމާތައް ސެމަސަންގުން ނަކަލުކޮށްފައިވާ ކަމަށް ސާބިތުވުމުންނެވެ.

ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ސެމްސަންގުން އުފައްދާފައިވާ 13 އިލެކްޓްރޯނިކް އުފެއްދުމެއްގައި އެޕަލްއުން ލައިސަންސް ހޯދައިފައިވާ ފަރުމާ (ޕޭޓެންޓް) ތަކެއް ބޭނުންކޮށްފައިވާ ކަމަށް ވަނީ ކަނޑައަޅާފައިވެއެވެ.

އެއް ކުންފުނިން ޕޭޓަންޓް ކޮށްފައި، ނުވަތަ ލައިސަންސް ހޯދައިފައިވާ ފަރުމާތައް އެހެން ކުންފުނިތަކުން ބޭނުންކުރުމަކީ ބައެއް ގައުމުތަކުގައި ގާނޫނީ ގޮތުން މަނާކަމެކެވެ.

މީގެ ކުރިން ވެސް ސެމްސަންގުން އެޕަލްގެ ފަރުމާތަކެއް ނަކަލުކޮށް 26 އުފެއްދުމެއްގައި ބޭނުންކޮށްފައިވާ ކަމަށް ސާބިތުވެ 1.05 ބިލިއަން ޑޮލަރު ދައްކަން ހުކުމް ކޮށްފައިވެ އެވެ. ނަމަވެސް އެމެރިކާގެ ޑިސްޓްރިކްޓް ފަނޑިޔާރެއް ކަމަށްވާ ލޫސީ ކޯ ވަނީ އެ މައްސަލަ ބެލި ޖޫރީއިން ހިސާބު ހެދުމުގައި އެޕަލްއަށް ލިބުނު ގެއްލުމުގެ އަދަދު އޮޅިފައިވާ ކަމަށް ބުނެ އޭގެން 450 މިލިއަން އުނިކޮށްފައެވެ.

އެޕަލްގެ ދައުވާގައި ވަނީ ސެމްސަންގުން ކޮޕީ ކުރުމުގެ ސަބަބުން އެ ކުންފުންޏަށް ލިބުމުގެ ފުރުސަތު އޮތް އެތައް މިލިއަން ޑޮލަރުގެ ފައިދާއެއް ގެއްލިފައިވާ ކަމަށް ބުނެ 380 މިލިއަން ޑޮލަރު ހޯދުމަށެވެ. ދައުވާގެ ޖަވާބުގައި ސެމްސަންގުން ބުނެފައި ވަނީ އެ ކުންފުނިން ނަކަލު ކުރިކަމަށް ތުހުމަތު ކުރާ ސިފަތަކަކީ ގަންނަ މީހާ އެ އުފެއްދުންތައް ގަތުމަށް ހިތްކިޔާ މައިގަނޑު ސިފަތަކެއް ނޫން ކަމަށާ، އެހެން ކަމުން އެ ކުންފުނިން ދައްކަން ޖެހޭނީ ގިނަވެގެން 52 މިލިއަން ޑޮލަރު ކަމަށެވެ.

ނަމަވެސް ބުރާސްފަތި ދުވަހުގެ ހުކުމަށް ފަހު ސެމްސަންގުން ބުނެފައިވަނީ 209 މިލިއަށް ޑޮލަރު ދައްކަން ކުރި ހުކުމާ، އަދި ކުރިން 1.05 ބިލިއަން ޑޮލަރު ދައްކަން ކުރި ހުކުމް ވެސް އިސްތިއުނާފު ކުރާނެ ކަމަށެވެ.

އެޕަލްގެ ތަރުޖަމާނު ކްރިސްޓިން ހުއެޓް ބުނީ އެނާގެ ކުންފުނިން މި މައްސަލަ ދެކެނީ ގެއްލިފައިވާ ފައިސާތަކެއް ހޯދުމަށްވުރެ ފުޅާ މާނައެއް އެކުލެވިގެންވާ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

“މިކަންތައް ހަގީގަތުގައި އަގު ކުރުމަކީ މުސްތަހިއްލު ކަމެއް. އެކަމަކު ކޮޕީކުރުމުން އޭގެ އަގު އަދާކުރަންޖެހޭނެކަން ސެމްސަންގަށް އަންގައިދިނީތީ ޖޫރީއަށް ޝުކުރުވެރިވަން،” ކްރިސްޓިން ހުއެޓް ބުންޏެވެ.

ދުނިޔޭގެ އެތައް ގައުމެއްގެ ކޯޓުތަކާ ކޮމިޓީތަކުގައި ތަކުގައި މި ދެ ކުންފުނީގެ ޕޭޓަންޓް މައްސަލަތައް ބަލާފައިވެއެވެ. އެޕަލް އިން ބުނާގޮތުގައި ސެމްސަންގުން އެޕަލްގެ ވަރަށް މުހިއްމު ފަރުމާތަކެއް ވަނީ ވަގަށް ނަގައިފައެވެ. ސެމްސަންގުން ބުނަނީ އެޕަލްއިން ލައިސަންސް ހޯދާފައިވާ ކަމަށް ބުނާ ބައެއް ފަރުމާ ތަކަކީ ސައްހަ ލައިސަންސަންސް ތަކެއް ނޫންކަމަށެވެ. އަދި ހަތަރެސްކަން ފަރުމާތައް ފަދަ އެންމެ އާދައިގެ ސިފަތައް ސެމްސަންގުގެ އުފެއްދުންތަކުގައި ހުރުމަކީ އެޕަލްއަށް އޭގައި ހިފައިގެން ދައުވާ ކުރެވޭނެ ކަންކަން ނޫން ކަމަށެވެ.

ދެ ކުންފުނިން ވެސް އެއްބަޔަކު އަނެއްބައެއްގެ ފަރުމާ ބޭނުންކުރާ ކަމަށް ތުހުމަތު ކުރެއެވެ.

ބުރާސްފަތި ދުވަހު ހުކުމް ކުރި ޝަރީއަތް ކުރިއަށްދިޔަ ދުވަސްތަކުގައި ސެމްސަންގުން ޝަރީއަތް ހުއްޓުވުމަށް އެތައް މަސައްކަތެއް ކުރިއެވެ. ސެމްސަންގުން ބުނީ އެމެރިކާގެ ޖޫރީ ސިސްޓަމަށް ހިނގާ އެ ކޯޓުތަކުގައި (އާއްމުންގެ 12 މީހުން އަޑުއެހުންތަކުގައި ބައިވެރިކޮށް އެމީހުންނަށް ނިޔާ ކަނޑައެޅުމުގެ ބާރު ދީފައިވާ ކޯޓުތައް) ޖޫރީގައި ތިބޭ މީހުންނަށް ނުފޫޒު ފޯރުވާ، ގައުމިއްޔަތުކަން ހިތަށް ވައްދައި، އެމެރިކާގެ ކުންފުޏެއް ކަމަށް ވީތީ އެޕަލްއަށް ބުރަވުމަށް ބާރުއަޅާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ސެމްސަންގުގެ އެދުން ބާތިލުކޮށްފަ އެވެ.

މި ދެ ކުންފުނީގެ މެދުގައި ހިނގާ ކޯޓު ހަނގުރާމައިގައި އަންނަ މާޗް މަހަށް އައު ޝަރީއަތެއް ވަނީ ތާވަލުކޮށްފައެވެ. އެ އަޑުއެހުން ތަކުގައި ސެމްސަންގުގެ އައު އަދި މަޝްހޫރު އެސް3 މޮބައިލް ފޯނު ފަދަ އުފެއްދުންތަކުގައި އެޕަލްގެ ފަރުމާތައް ނަކަލުކޮށްފައި ހުރިތޯ ބަލާނެއެވެ.

ސެމްސަންގަށް މޮބައިލްފޯނުގެ ބާޒާރުން މިދިޔަ އަހަރު ލިބުނު 247 ބިލިއަން ޑޮލަރުގެ އާމްދަނީއަކުން 47 ބިލިއަން ޑޮލަރުގެ ފައިދާއެއް ވިއެވެ. އަދި އެޕަލް އަށް 170.9 ބިލިއަން ޑޮލަރުގެ އާމްދަނީއަކުން 147 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނެވެ.

ދުނިޔޭގެ މޮބައިލްފޯނު ބާޒާރުގެ އަގު މިއަދު އުޅެނީ 300 ބިލިއަން ޑޮލަރުގައެވެ. މި މާސިންގާ ބާޒާރުގެ އެންމެ ބޮޑު ދެ ކުންފުނިން ތަޅާފޮޅާ ފޮޅުމުގައި މިލިއަނުން ވާ ގެއްލުމަކީ ދުނިޔޭގެ އެންމެ ވަރުގަދަ ކުންފުނިތަކުގެ ނަންމަތީ ދެމިތިބުމަށް އެކަށީގެންވާ އަގެއް ކަމަށް ދެކުންފުނި ވެސް ދެކެއެވެ. ގެއްލޭ އަދަދުގެ ބޮޑުކަމުން ހާހެއް ނުވެއެވެ. އެއީ ނިސްބަތުން ކުޑަ އެއްޗެކެވެ.