ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 13 ދުވަސް ވަންދެން އާރަށުގައި ހައްޔަރުކޮށްފައި ބެހެއްޓި މައްސަލައިގައި ޔާމީނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބެން ޖެހޭ ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެ މަނިކުފާނު ދޫކޮށްލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީން ގާނޫނު އަސާސީއާ ޚިލާފަށް ހައްޔަރުކުރި މައްސަލައާ ގުޅިގެން، ގެއްލުމުގެ ބަދަލުގެ ގޮތުގައި244،031.25 ރުފިޔާ ލިބެން ޖެހޭ ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ބޭނުންފުޅު ނުވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުގަޔާއި ފިނޭންސް މިނިސްޓްރީގައި ދަންނަވާފައިވާ ކަމަށެވެ.

އަދި ރައީސް ޔަމީންއާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަ ދައްކާފައި ވާތީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދު ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ މައްޗަށް ކޮށްފައިވާ ދައުވާ ވެސް ވަނީ އަނބުރާ ގެންދަވާފަ އެވެ. އަދި ރައީސް އެގޮތަށް ނިންމެވީ ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނަވައިގެން ދައުލަތުގެ މައްޗަށް އެއްވެސް ދައުވާއެއް އަމިއްލަފުޅު ހައިސިއްޔަތުން ކުރިއަށް ގެންދަވަން ބޭނުންފުޅު ނުވާތީ އާއި އަދި އެ މަގާމުގައި ހުންނަވައިގެން ދިވެހި ރައްޔިތެއްގެ މައްޗަށް ވެސް އަމިއްލަފުޅު ހައިސިއްޔަތުން ދައުވާ ކުރިއަށް ގެންދަން ބޭނުންފުޅު ނުވާތީ ކަމަށް ވެސް ރައީސްގެ ގާނޫނީ ޓީމުން ބުންޏެވެ.