ތިނެއް ނޮވެމްބަރު ހާދިސާގެ ރިޕޯޓްތައް އާންމު ކުރުމާ މެދު ދިރާސާ ކުރަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.

ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމާ ހުސެއިން ވަހީދު ހަވާލުވެ ވަޑައިގަތުމަށް ފަހު ބޭއްވި ފުރަތަމަ ނިއުސްކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ތިނެއް ނޮވެމްބަރު ހާދިސާގެ ރިޕޯޓު އާންމު ކުރުމާ ބެހޭ ގޮތުން ދިރާސާ ކުރަމުން އަންނަ ކަމަށާއި އަދި ގާނޫނީ ގޮތުން އެކަމަށް ދެވޭނެ އެންމެ ފަސޭހަ ލުއި ދީގެން މައުލޫމާތު ހިއްސާ ކުރެވޭނެ ގޮތްތަކެއް ރާވަމުން އަންނަ ކަމަށެވެ.

އަދި އެކަމަކީ ވަރަށް ގިނަ ބައެއްގެ މަސްލަހަތު އެކަމުގެ ތެރޭ ހިމެނޭ ކަމަކަށް ވާތި ވިސްނުންތަކެއް ވިސްނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އުސޫލެއްގެ ގޮތުން 25 އަހަރަށް ފަހު އިންފޮމޭޝަން ޑިކްލެސިފައި (މައުލޫމާތު އާންމުކުރުމުގެ) ގަވާއިދުތަކެއް އެބަހުރި ހެދިފައި. އެހެން ނަމަވެސް އޭގެ ތެރޭގައި މިހިމެނޭ ކަމަކީ ގައުމުގެ މަސްލަހަތުތޯ އަޅުގަނޑުމެން އެންމެން އިސްކަންދީގެން ކުރިއަށް ގެންދާނީ،" ހުސެއިން ވަހީދު ވިދާޅުވި އެވެ.

ނަވާރަސަތޭކަ އަށްޑިހަ އަށް ވަނަ އަހަރު ތަމަޅަ ޓައިގަރުންގެ ބަޔަކު ރާއްޖެ އަރައި ދިން އުދުވާނީ ހަމަލާއާ ގުޅޭ ހާދިސާގެ ތަހުގީގު ރިޕޯޓްތައް އާއްމުކުރެވިދާނެ ކަމަށް ފުރަތަމަ ވިދާޅުވީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒެވެ. ރިޔާޒު އޭރު ވިދާޅުވެފައި ވަނީ އެ ހާދިސާގެ ރިޕޯޓުތައް އާންމު ކުރުމުގެ ފުރުސަތު ލިބޭނީ ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަންތަކާ ބެހޭ މައުލޫމާތު ސިއްރު ކުރުމާ ބެހޭ ގަވާއިދުގެ ދަށުން ކަމަށެވެ.

އެ ގަވާއިދުގައި ބުނެފައިވާ ގޮތުން ފުލުހުން ހިންގާ އޮޕަރޭޝަންތަކާ ބެހޭ މައުލޫމާތު ދައުލަތުގެ ސިއްރެއްގެ ގޮތުގައި ހިފެހެއްޓެނީ ދިގުވެގެން 25 އަހަރަށެވެ.