25 Nov 2013, 14:18
މިދިޔަ މަހުގެ 19 ވަނަ ދުވަހު ބާއްވަން އުޅުނު ރިޔާސީ އިންތިޚާބަށް ފުލުހުންގެ މުޅި މުއައްސަސާ އިން ހުރަސް އަޅާފައި ނުވާ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއަސީ) ނިންމުމަށް ފަހު އިންތިހާބަށް ހުރަސްއެޅި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަގައި ވަކި ފުލުހެއްގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.
ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ޖިނާއީ ދައުވާއެއް ކުރަން ފޮނުވުމަށް ނިންމާފައި ވަނީ އިންތިހާބު ބާއްވަން ހަމަޖެހިފައި އޮތް ދުވަހުގެ ފަތިހު އިލެކްޝަންސް ކޮމިޝަން ކައިރީ ސެކިއުރިޓީ ބަލަހައްޓަން އެ ވަގުތު އިސްކޮށް ހަރަކާތްތެރިވި ފުލުސް އޮފިސަރުގެ މައްޗަށެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގެން ނޫސްވެރިންނާ އެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ހުސެއިން ވަހީދު މިއަދު ވިދާޅުވީ އިންތިހާބާ ގުޅޭ ކަންކަމުގައި ފުލުހުން މަސައްކަތްކޮށްފައި ވަނީ ރަނގަޅަށް ކަމަށް ޕީއައީސީ ގަބޫލުކުރާ ނަމަ ވަކި ފުލުހަކު ކުށެއް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ އޯގަނައިޒޭޝަނުން ނެގި ޑެސިޝަނަކީ ވެސް އެންމެ ރަނގަޅު ޑިޒިޝަނެއް ކަމަށް އެ ކޮމިޝަނުނުން ވެސް އެބަ ބުނެ އޭ. އެހެންވީމާ ކީއްވެތޯ އޭ ކުއްޖާ އޭގެ ތެރޭގައި ގޯސްވާން ވީ. އޭގައި ފުލުހުން ރަނގަޅަށް އަމަލުކޮށްފައިވާ އިރު ކީއްވެތޯ ކުއްޖާ ގޯސްވާންވީ. އެއީ އަޅުގަނޑުގެ ޕޮއިންޓަކީ،"
ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ޕީއައީސީ ވަކި ފުލުހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާ ނަމަ އެކަން ނިންމި ގޮތް ދިރާސާ ކުރާނެ ކަމަށެވެ.
"ޕޮލިސް ސާޖަންޓްގެ މައްޗަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ދައުވާ ކުރުމަށްވާ ނަމަ އޭގެ ތެރެއަށް ވަދެ އަޅުގަނޑުމެން ބަލާނަން ކިހިނެއް ހިނގާފަ އޮތް ކަމެއްތޯ،" ކޮމިޝަނަރު ވަހީދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ބާއްވަން ހަމަޖެއްސި އިންތިޚާބު އެ ދުވަހުގެ ހެނދުނުވީ ފަހުން ކެންސަލްކޮށްފައި ވަނީ، ރިޔާސީ އިންތިޚާބު ފުލުހުން ހުއްޓުވި ކަމަށް ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން ޕީއައިސީން މިއަދު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ މަހު 19 ވަނަ ދުވަހުގެ ފަތިހު 5 ގައި އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ހާޒިރީ އިލެކްޝަންސް ކޮމިޝަނުން ދަރުބާރުގެ އަށް ގެންދަން މަސައްކަތް ކުރުމުން އެއްވެސް ލިޔެކިޔުމެއް އިލެކްޝަނުން ބޭރަށް ނުގެންދެވޭނެ ކަމަށް އެވަގުތު އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަން އިސްކޮށް ހަރަކާތްތެރިވި ފުލުސް އޮފިސަރު އިލެކްޝަނުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެ އެންގުމަކީ ފުލުސް އޮފިސަރު އަމަލުކުރުމަށް އޭނާގެ އިސްވެރިން އަންގާފައިވާ ގޮތް ނޫން ކަމަށް ވެސް އެރިޕޯޓުގައި ބުނެފައިވެ އެވެ.
ނަމަވެސް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވެސް ވިދާޅުވެފައި ވަނީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ރާއްޖޭގައި ބާއްވަން އުޅުނު ރިޔާސީ އިންތިޚާބަށް ފުލުހުން އެއްބާރުލުން ނުދިނުމާ ގުޅިގެން ފުލުހަކާ ދެކޮޅަށް ޖިނާޢީ ދަޢުވާއެއް ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.