ގައުމީ އެއާލައިން މޯލްޑިވިއަން އިން ލަންކާ އަށް ކުރަމުން އަންނަ ދަތުރުތަކަށް މާބޮޑު ތަރުހީބެއް ނުލިބޭތީ އެ ދަތުރުތައް މެދުކަނޑާލައިފި އެވެ.

މޯލްޑިވިއަންގެ ބޮޑު ފްލައިޓްގައި ގަމާއި މާލެއިން ލަންކާގެ ވެރިރަށް ކޮލޮމްބޯ އަށް ކުރަމުން ދިޔަ ދަތުރުތައް މެދުކަނޑާލައިފައި ވަނީ އެ ދަތުރުތަކަށް މާ ބޮޑު ތަރުހީބެއް ނުލިބޭތީ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން" އަށް ވިދާޅުވި އެވެ.

"ބުކިންތައް ވެސް ވަރަށް ދަށް، އެހެންވެ ކުންފުނީގެ ބޯޑުން ނިންމީ ވަގުތީ ގޮތުން އެދަތުރުތައް މެދުކަނޑާލުމަށް، މިއީ ވަގުތީ ގޮތުން ހުއްޓާލި ހުއްޓާލުމެއް،" ނަޝާތު ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ގަމުން ކޮލޮމްބޯ އަށް އެއްކޮޅު ޓިކެޓް ވިއްކާފައި ވަނީ 149 ޑޮލަރަށް (2297.58ރ.) އަށެވެ. އަދި ދެކޮލު ޓިކެޓް ވިއްކާފައި ވަނީ 269 ޑޮލަރަށް (4147.98ރ.) އަށެވެ. އަދި މާލެއިން ގަމަށް އެއްކޮޅު ޓިކެޓް 99 ޑޯލަރަށް(1526ރ.) ވިއްކާފައިވާއިރު ދެކޮޅު ޓިކެޓް ވިއްކާފައިވަނީ 169 ޑޮލަރަށް(2605ރ.) އަށެވެ.