ޓްރާންސްޕޯޓް މިނިސްޓުރީގެ ދަށުން ހިންގާ ބައެއް މުއާސަސާތަކުން 65 އަހަރުން މަތީ މީހުންނަށް ކިޔޫގައި މަޑުކުރަން ނުޖެހި ހިދުމަތް ލިބޭ ގޮތްތައް ހަމަޖައްސައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް މިއަދު "ސަން" އޮންލައިނަށް ވިދާޅުވީ ޓުރާންސްޕޯޓް އޮތޯރިޓީއިންނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ދޭ ހިދުމަތްތައް ހޯދުމަށް ދާ 65 އަހަރުން މަތީ މީހުންނަށް ކިޔޫގައި ނުޖެހި ހިދުމަތް ދެވިގެންދާނެ ކަމަށެވެ.

"އެތަންތަނަށް ހިދުމަތް ހޯދުމަށް ގޮސް އައިޑިކާޑް ދައްކާލުމުން 65 އަހަރުން މަތީ ބޭފުޅުންނަށް ކިޔޫގައި ނުޖެހި ހިދުމަތް ލިބިގެންދާނެ" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މިނިސްޓްރީއާ ގުޅުން ހުރި އެހެން މުއައްސަސާތަކުން ވެސް ދޭ ހިދުމްތައް އުމުރުން ދުވަސްވީ މީހުންނަށް ކިޔޫގައި ނުޖެހި ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ދިރާގާއި ވަތަނިއްޔާ އިން ދޭ ހިދުމަތްތައް ވެސް އެގޮތުގެ މަތިން ދިނުމަށް އެކުންފުނިތަކަށް އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައިޖީއެމްއެޗު ހޮސްޕިޓަލުން ވެސް ވަނީ ނަމްބަރު ދޫކޮށްގެން އެ ހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތްތަކުން ކިޔޫގައި ނުޖެހި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚިދުމަތް ދިނުމަށް ނިންމާ އެކަންފަށައިފަ އެވެ. އެ ހޮސްޕިޓަލުން އެ ޚިދުމަތް ލިބޭނީ އޯޕީޑީ އާއި ލެބޯޓަރީ އަދި އެކްސްރޭ ކައުންޓަރުތަކުންނެވެ.

އުމުރުން ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކިޔޫގައި ނުޖެހި ހިދުމަތް ދިނުމަކީ ރައީސް ޖުމްހޫރިއްޔާ އަބުދުއްﷲ ޔާމީންގެ ވަރަށް ބޮޑު ވައުދެކެވެ.