25 Nov 2013, 13:46
މަޝްހޫރު ގާރީ މ. ޑްރީމީލައިޓް ހުސައިން ތައުފީގުގެ މައްޗަށް ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ 2007 ވަނަ އަހަރުގެ ތެރޭގައި ގާރީ ތައުފީގު ބަދުއަޚުލާގީ އަމަލު ހިންގާފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އެ ކުށުގެ އުގޫބާތެއްގެ ގޮތުން "ބަދުއަޚުލާގީ ކުށާ ޒިނޭގެ ކުށުގެ އަދަބު" އާ ބެހޭ ގަވާއިދުގެ ދެވަނަ މާއްދާގެ (ހ)ގެ ދަށުން ގާރީ ތައުފީގު 15 އެތިފަހަރުން ތައުޒީރު ކުރުމާ އެކު ހަ މަސް ދުވަހުގެ މުއްދަތަށް އަރުވާލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
އެ ހުކުމްގައި ބުނެފައި ވަނީ މިއީ އޭނާގެ މައްޗަށް މިފަދަ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށްވާތީ މިއަދުން ފެށިގެން ތިން އަހަރު ވަންދެން އެ ހުކުމް ތަންފީޒު ނުކޮށް ފަސްކުރުމަށް އަމުރު ކުރާ ކަމަށެވެ.
ޕީޖީ އޮފީހުން އެ މައްސަލަ ޝަރީއަތަށް ފޮނުވާފައި ވަނީ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.