ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މުއިއްޒު ވަނީ ސަން އަށް މިއަދު އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

މުއިއްޒު އިސްތިއުފާ ދެއްވާފައި މިވަނީ އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސު ކުރަމުން ދަނިކޮށެވެ. އަދި މުއިއްޒު އިސްތިއުފާ ދެއްވާފައި ވަނީ މަޖިލީހުގައި ވޯޓު ނެގުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މުއިއްޒުގެ އިތުބާރުގެ މައްސަލަ މިއަދަށް އެޖެންޑާ ކުރީ، އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމްޑީޕީ އަށް ނިސްބަތް ނުވާ ގިނަ މެންބަރުންތަކެއް މަޖިލީހުގެ ދަތުރުތަކެއްގައި ފޮނުވާލުމަށް ފަހު ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މުއިއްޒުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ޖާބިރު ހޮނޑައިދޫގައި ރާ ހިތްޕެވި ކަމަށް ތުހުމަތުކޮށް ދައުވާ ކުރާ މައްސަލަ ނެގުމަށް ތަފާތު ގޮތް ގޮތުން ޕީޖީ އަށް ނުފޫޒު ފޯރުވި އެވެ. ނަމަވެސް ޕީޖީ ވަނީ އެކަމަށް އިންކާރު ކުރައްވައިފަ އެވެ.

މުއިއްޒުގެ އިތުބާރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދީއްސުރެން ވެސް އެ މަނިކުފާނު ވިދާޅުވަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނުނަގާނެ ކަމަށެވެ.

މުއިއްޒުގެ އިތުބާރުގެ މައްސަލާގައި ފުރަތަމަ އެމްޑީޕީން ވޯޓު ނަގަން ޝެޑިއުލް ކުރީ މި މަހު 13 ވަނަ ދުވަހަށެވެ. ނަމަވެސް ކުއްލި ގޮތަކަށް އެ މައްސަލަ އެ ދުވަހު އެ ޕާޓީން ނަގައި މައްސަލަ ފަސްކުރި އެވެ. ދެ ވަނަ ފަހަރަށް އެ މައްސަލަ ޝެޑިއުލްކޮށް މިއަދު ވޯޓު ނަގަން ކަނޑައަޅައި މެންބަރުންނަށް ނޯޓިސް ފޮނުވީ މިދިޔަ ބުދަ ދުވަހު ކަމަށް މަޖިލީހުގެ ރިޔާސަތުން ވިދާޅުވި އެވެ.