25 Nov 2013, 13:06
ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މައްދާ އަށް ރައްޔިތުންގެ މަޖިލީހުގެ ގާނޫނަކުން ބަދަލު ކުރި ނަމަވެސް އެ އިސްލާހު ތަސްތީގު ކުރަން ވާނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ކަނޑައެޅުމަށް ރައްޔިތުން މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ގާނޫނު އަސާސީގެ 10 ވަނަ މާއްދާ އަށް ގެންނަ އިސްލާހެއް މަޖިލީހުން ފާސްކުރަން ވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ކަމަށް ކަނޑައެޅުމަށް އިސްލާހު ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރެ އެވެ.
ގާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ބުނެފައި ވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނަކީ ދިވެހި ރާއްޖޭގެ ގާނޫނުގެ މައިގަނޑު މާއްދާ ކަމަށެވެ.
އާމިރު ހުށަހެޅުއްވި އިސްލާހްގައި ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގެ ގާނޫނަކުން އެފަދަ އިސްލާހެއް ގެނަޔަސް، އެފަދަ އިސްލާހެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަށްވަން ވާނީ ރައްޔިތުންގެ އާންމު ވޯޓަކަށް ދިއުމަށްފަހުގައި ކަމަށެވެ.
އާމިރު މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހަށް އިއްވާފައިވާ އިރު އެ އިސްލާހާ ގުޅިގެން މަޖިލީހުގެ މެންބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފަ އެވެ. މަޖިލީހުގެ އެމްޑީޕީ މެންބަރުން ވިދާޅުވަމުން ގެންގޮސްފައި ވަނީ އާމިރު ހުށަހެޅުއްވި އިސްލާހަކީ މަޖިލީހަށް ހުށަހެޅި ބަހުސްކުރެވޭނެ އިސްލާހެއް ނޫން ކަމަށެވެ. އަދި އިސްލާމް ދީން ނޫން އެހެން ދީނެއް ބޭއްވޭނެތޯ ސުވާލުކޮށް އާންމު ވޯޓަކަށް ދިއުމަކީ ރާއްޖޭގައި ކުރެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.
އިސްލާހް ހުށަހެޅުއްވުމަށް ފަހު މެންބަރުން ފާހަގަ ކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން އާމިރު ވިދާޅުވީ އެ އިސްލާހަކީ އިސްލާމްދީން ހިމާޔަތްކުރުމުގެ ބޭނުމުގައި ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހްގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި އެހެން ދީނަކަށް ފުރުސަތު ދިނުމަށް މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރި ނަމަވެސް ރައްޔިތުންގެ ވޯޓަކުން ނޫނީ އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްތީގު ކުރުމުގެ ފުރުސަތު ނުދިނުމަށް ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ.
"އަޅުގަނޑުގެ މައިގަނޑު ވިސްނުމަކީ މަޖިލީހުން ބޭނުންވީމާ އެކަން ނުކުރެވުން. އަދި ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ބުނެފައިވާ ކަންކަމުގެ ތެރެއަށް މިކަން ވެއްދުން،" އާމިރު ވިދާޅުވި އެވެ.
ރައްޔިތުންގެ އާންމު ވޯޓަކަށް ގޮސްގެން ނޫނީ ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގު ނުކުރެއްވޭނެ ކަމަށް ގާނޫނު އަސާސީގެ 262ގައި ތިން ކަމެއް ބުނެފައިވެ އެވެ. އެގޮތުން ގާނޫނު އަސާސީގައި ބުނެފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގެ އެއްވެސް މާއްދާއަކާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައަޅާފައިވާ މާއްދާ އާއި ރައީސުލްޖުމްހޫރިއްޔާގެ ދައުރާއި ރިޔާސީ އިންތިހާބު ބާއްވަން ވާނެ ކަމަށް ކަނޑައަޅާފައިވާ މައްދާ ހިމެނެ އެވެ.