އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އުމުރުން ދުވަސްވީ މީހަކު ފިހިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ރޭ ހިނގި އެ ހާދިސާގައި ފިހުނު ހިތަދޫ ޕާމްޝޭޑް ހުސައިން ކަލޯ، 84،ގެ ހާލު ސީރިއަސް ކަމަށާއި އޭނާ އަށް އިތުރު ފަރުވާ ދިނުމަށް މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ.

ރޭ 7:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އެ މީހާގެ ހަށިގަނޑުގެ 64 ޕަސެންޓް ފިހިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ އެގޭގެ ބަދިގެ ތެރޭގައި ހުރި ގޭސް އުނދުން ރަނގަޅަށް ނުނިއްވައި ހުރުމުގެ ސަބަބުން ގޭސް ލީކު ވެފައި ހުއްޓައި ހުސައިންކަލޯ ކަރަންޓް ޖަގުން ފެން ހޫނުކުރަން އުޅެނިކޮށެވެ. އަލިފާން ރޯވާން ދިމާވީ ކަރަންޓް ދީފައި ހުރި ސޮކެޓަށް ޖަގުގެ ވާގަޑު ގުޅަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.