06 Dec 2010, 09:03
ޏ. ފުވައްމުލަކުގައި ތޫނު އެއްޗަކުން ހަމާލާދީ ޒަޚަމްކޮށްލި އެ ރަށު ވިޔަފާރިވެރިޔާ އަށް ފަރުވާ ދިނުމަށް މިއަދު އިންޑިއާ އަށް ފޮނުވައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 11:45 އެހާކަންހާއިރު ގައިގެ އެކި ތަންތަނުގައި ކަޓަރު އެޅުމުގެ އިތުރުން ލަކުޑިބުރިއަކުން ޖަހައި ބޯފަޅާލި ފުވައްމުލަކުގެ ޒުވާން ވިޔަފާރިވެރިޔާ، އަހުމަދު އާސިމު، 36، މިދިޔަ ހޮނިހިރު ދުވަހު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ ދިނުމަށް އިންޑިއާ އަށް ފުރުވާލީ މިއަދު މެންދުރު އެކެއް ޖަހާ އެހާކަންހާއިރު ފުރި އިންޑިއަން އެއާލައިންސުގެ ފްލައިޓުންނެވެ.
ރަށުގައި އަމިއްލަ ހަތަރު ފިހާރަ ހިންގާ ޒުވާން ވިޔަފާރި ވެރިޔާގެ ގައިގެ އެކިތަންތަނުގައި ކަޓަރު އެޅުމުގެ އިތުރުން ބޯ ފަޅައިގެން ގޮސް ބޮލުގެ ނާށިގަނޑަށް ގެއްލުން ލިބި، ވަރަށް ގިނަ އަދަދަކަށް ގައިން ވަނީ ލޭ ފައިބައިފަ އެވެ.
އާސިމްގެ އާއިލާއިން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އޭނާގެ މޫނު ވަރަށް ބޮޑަށް ދުޅަވެފައި ވާތީ އަދިވެސް އެއްވެސް މީހަކާ ވާހަކަ ނުދެއްކޭ ކަމަށެވެ. އަދި އަތުގަޔާއި ބުރަކަށީގައި ޒަޚަމްތައް ހުރި ކަމަށް ވެސް އޭނާ ބުންޏެވެ. ބޭރު ފުށުން ފެންނަން ހުރި އަނިޔާގެ އިތުރުން އެތެރެއިން މެޔަށް ވެސް އަނިޔާ ވެފައިވާ ކަމަށް އާސިމްގެ ޢާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އާސިމަށް ބަޔަކު ހަމަލާދީފައި ވަނީ އެއްވެސް ކަހަލަ އިޝާރާތަކާ ނުލައި ކަމަށާއި އެ މައްސަލަ އާ ގުޅިގެން ޝައްކު ކުރެވޭ އެއްވެސް މީހަކު މިހާތަނަށް އަދި ނެތް ކަމަށް އާއިލާ އިން ބުންޏެވެ. އަދި އެކަން ކުރި މީހަކު ހޯދަން އާއިލާ އިން ނޫޅޭ ކަމަށާއި އެކަން ފުލުހުން ބަލަމުން ގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ޢާއިލާ އިން ބުންޏެވެ.
އާއިލާ އިން ބުނީ އާއިލާ އިން މަސައްކަތް ކުރަނީ އާސިމް ސަލާމަތް ކުރެވޭތޯ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
އާސިމަށް ހަމަލާ ދީފައި ވަނީ ފިހާރަ ބަންދުކޮށްފައި ގެއަށް ދިޔަ މަގުމަތީގައި އެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އާސިމަށް ހަމާލާދިން މީހުން އޭނާ ލައިގެން ހުރި ހެދުމުގެ ޖީބު ޗެކްކޮށްފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އާސިމު ހަޅޭލަވައިގަތް އަޑު އިވިގެން އޭނާގެ އަންހެނުން ބޭރަށް ނިކުމެ ބެލިއިރު އޭނާ އޮތީ ލެއިން ތަތްތެޅިފަ އެވެ. އަދި އެވަގުތު އެއްވެސް މީހަކު އެހިސާބުން ފެންނަން ނެތް ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފަ އެވެ.