ދިވެހިރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު އަތުން 2-1 އިން މޮޅުވެ، އިންޑޮނޭޝިއާ 23 އަހަރުން ދަށުގެ ޓީމް އެމްއެންސީ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އިއްޔެގެ މެޗުގައި އިންޑޮނޭޝިއާ ކޮޅަށް ރާއްޖެއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

އިންޑޮނީޝިއާގައި ކުރިއަށް ދިޔަ މި ފުޓްބޯޅަ މުބާރާތަކީ، ލީގު އުސޫލުން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. އެގޮތުން މުބާރާތުގެ ޗެމްޕިއަންކަން އިންޑޮނޭޝިއާ އަށް ލިބޭނީ، ކޮންމެ ޓީމެއް ތިން މެޗު ކުޅެ ނިމުނުއިރު ތާވަލްގެ އެންމެ ކުރީގައި އިންޑޮނޭޝިއާ އޮތުމުންނެވެ.

މުބާރަތުގެ ޗެމްޕިއަންކަން ހޯދި އިންޑޮނީޝިއާ ވަނީ މި މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓް ހޯދައިފަ އެވެ. އަދި އެ ޓީމުން ވަނީ ތިން މެޗުގައި 11 ލަނޑު ޖަހައިފަ އެވެ. މުބާރާތުގެ ދެވަނަ ހޯދީ ލާއޮސް އެވެ. އަދި ތިން ވަނަ ހޯދީ ރާއްޖެ އެވެ. އެންމެ ފުލުގައި އޮތީ ޕަޕުއާ ނިއު ގިނީ އެވެ.

މިމުބާރާތުގައި ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވެފައި ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ޕަޕުއާ ނިއު ގިނީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެއީ 1-0 ލަނޑުންނެވެ. އަދި މުބާރާތުގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުން ބަލިވެފައި ވަނީ ލާއޮސް އަތުން 2-1 ލަނޑުންނެވެ.