ޔޫރިން ޓެކްސްޓް ކުރުމަށް ފުލުހުންގެ އޮފިސަރުކަ އެދުމުން، އެކަމަށް އިންކާރުކޮށްފި ނަމަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނެފައި ވާތީ، އެ އަދަބު ލުއި ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރަކު މަޖިލީހަށް ހުށައަޅާފައިވާ ހުށައެޅުން އަނބުރާ ގެންދަވައިފި އެވެ.

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށަހެޅުއްވި އެ މައްސަލަ އެބޭފުޅާގެ އެދުމުގެ މަތިން އަނބުރާ ގެންދަވާފައިވާކަން މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވަނީ އިއުލާންކޮށްފަ އެވެ.

މެންބަރު އީސާ ހުށަހެޅުއްވި އަދި މިހާރު އަނބުރާ ނަންގަވާފައިވާ ބިލުގައި ވަނީ ޔޫރިން ދިނުމަށް އިންކާރުކޮށްފި ނަމަ ލިބޭ އަދަބު، ތިން ގޮތަކުން ލުއި ކުރުމަށެވެ. އެއީ ކުޑަކަމުދާ އެއްޗެހި ނުވަތަ ޔޫރިންގެ ސާމްޕަލެއް ދިނުމަށް އިންކާރުކޮށްފި ނަމަ އޭނާގެ އަދަބަކީ 15 ދުވަހަށް ޖަލަށްލުން ނުވަތަ އެއް މަސް ދުވަހަށް ގޭ ބަންދު ކުރުން ނުވަތަ 12،000ރ. އިން ޖޫރިމަނާ ކުރުމެވެ.

ޔޫރިން ނުދިނުމުގެ އަދަބު ލުބި ކުރުމަށް އީސަ އޭރު ހުށަހެޅުއްވި އިރު، އެމްޑީޕީގެ ޕާލަމެންޓްރީ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންތަކެއްގެ މައްޗަށް މަސްތުވާތަކެތި ބޭރުން ކުރި ކަމުގެ ތުހުމަތުކޮށްގެން ކުޑަކަމުދާތަކެތި ނުދީގެން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވެ އެވެ. ހދ. ހޮޑައިދޫގައި ރާ ބޮއެ، މަސްތުވީ ކަމުގެ ތުހުމަތަށް ކުޑަކަމުދާތަކެތި ނުދީގެން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރުގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.