ލަންޑަން (ނޮވެމްބަރ 25): ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ 11،000 އަށް ވުރެ ގިނަ ކުޑަކުދިން މަރާލާފައިވާ ކަމަށް އިނގިރޭސިވިލާތުގެ މުސްތަގިއްލު ޖަމާއަތެއް އޮކްސްފޯޑް ރީސާޗް ގްރޫޕުން ބުނެފި އެވެ.

މި ގުރޫޕުން ތައްޔާރުކޮށް ނެރުނު ރިޕޯޓެއް ބުނާ ގޮތުން 2011 ވަނަ އަހަރުގެ މޭ މަހު ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށުނު ފަހުން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް 11،000 އަށް ވުރެ ގިނަ ކުޑަކުދިން މަރާލެވިފައިވާ ކަމަށާއި މިކުދިންތައް މަރާލާފައި ވަނީ އަނިޔާކޮށްގެންނާއި ހަނގުރާމައިގައި ބަދަލުކުރަމުން ގެންދާ ހަމަލާތަކުގެ ސަބަބުންނާ އަދި ބަދަލުހިފުމުގެ ރޫހުގައި ކަމުގަ އެވެ.

އެ ރިޕޯޓް ބުނާ ގޮތުން ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ އެންމެ ގިނައިން ކުޑަކުދިން މަރާލާފައި ވަނީ ޙަލަބް ގަވަރނޭޓުންނެވެ. އެސަރަހައްދުން 2223 ކުދިން މަރާލާފައިވާ އިރު ހިމްސް ގަވަނޭޓުން 1817 ކުދިން، ދިމިޝްގުގެ ރައްފުށުގެ ސަރަހައްދުން 1772 ކުދިން އަދި އިދްލިބް އިން 1600 ކުދިންނާ އެހެން ސަރަހައްދުތަކުން 3334 ކުދިން މަރާލާފައިވާ ކަމަށް އޮކްސްފޯޑް ރީސާޗް ގްރޫޕުގެ ރިޕޯޓް ބުނެ އެވެ.

މީގެ އިތުރުން ސޫރިޔާގެ ހަނގުރާމަވެރިންނާއި ސަރުކާރު ސިފައިން ވެސް ކުޑަކުދިންނަށް ޖިންސީގޯނާކޮށް ކުޑަކުދިން ރޭޕްކުރުމުގެ ޖަރީމާތައް ފުޅާ ދާއިޜާއެއްގައި ހިންގަމުންގެންދާ ކަމަށް މިރިޕޯޓް ބުނެ އެވެ. މިޖަރީމާތަކުގައި ބޮޑަށް ބައިވެރި ވަނީ ސޫރިޔާ ސަރުކާރު ސިފައިން ކަމަށާއި އެތައް ސަތޭކަ ކުޑަކުދިން ރޭޕްކޮށްފައިވާ އިރު ރޭޕްކުރެވުނު ކުޑަކުދިންގެ ތެރޭގައި ގިނައީ އަންހެންކުދިން ކަމަށްވެސްއޮކްސްފޯޑް ރީސާޗް ގްރޫޕުގެ ރިޕޯޓް ބުނެ އެވެ.

ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު ހަނގުރާމައިގެ ޖަރީމާތަކުގައި ސޫރިޔާ ސިފައިންގެ އިތުރުން އިދިކޮޅު ހަނގުރާމަވެރިން ޝާމިލްވި ނަމަވެސް ހަނގުރާމައިގެ ޖަރީމާތަކުގައި ބޮޑަށް ޝާމިލްވެފައި ވަނީ ސޫރިޔާ ސަރުކާރު ސިފައިން ކަމަށާއި ނަމަވެސް ބޮންގޮއްވުން ފަދަ ޖަރީމާތައް ހިންގަމުންގެންދާ ކަމަށް ބެލެވެނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އަލްގާއިދާއަށް ނިސްބަތްވާ ހަނގުރާމަވެރިން ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެ އެވެ.

ސޫރިޔާގައި ހިނގަމުންދަނީ ސިޔާސީ ހަމަނުޖެހުމެއްނޫން ކަމާއި ދާޚިލީ ހަނގުރާމައެއް ކަމަށް އދ. ންނާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވެސް ސިފަކުރާއިރު މިހަނގުރާމައިގާ މިހާތަނަށް 120 ހާސް މީހުން މަރާލާފައިވާ ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)