25 Nov 2013, 00:59
ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮތް އެންމެ ބޮޑު ބިރުވެރިކަމަކީ ރާއްޖެ އިން އިސްލާމްދީން ފޮހެވިގެން ދިއުން ކަމަށާއި އެގޮތުން އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް އޮތް 14 ދުވަސް ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލުތަކަކަށް ގުރުއާން ޓީޗަރުން ހަމަޖައްސައިދެވޭނެ ކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުން ޕީޕީއެމާ ގުޅިފައިވާ ޕާޓީތަކަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ ޕީޕީއެމަށް މިއަދު ލިބުނު ކާމިޔާބީއަކީ ރައްޔިތުން ކުރެއްވި ދުއާގެ ސަބަބުން މާތް ﷲ ގަބޫލުކުރެއްވުމުން ލިބުނު ކާމިޔާބީ އެއް ކަމަށެވެ. އެގޮތުން އެ ކާމިޔާބީ އަށް ޝުކުރުވެރިވާ ނަމަ ރައްޔިތުން ބޭނުންވާ ބޮޑެތި ކަންތައް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުނގަޑުމެން އުއްމީދުކުރަނީ ކުރިއަށް އޮތް 14 ދުވަހު ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގުރުއާން ޓީޗަރުން ހަމަޖައްސައިދެވޭނެ. މީގެ އިތުރުން ރައީސް ޔާމީންގެ ވިސްނުން ފުޅުގައި އިސްލާމިކް ޔުނިވާސިޓީއެއް ގާއިމުކުރުމަށް ނިންމަވާފައި ވާތީ އެކަންތައް ވެސް ފައްޓާފައިވާ ވާހަކަ ދަންނަވާލަން،" ނައިބް ރައީސް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ނައިބް ރައީސް ވަނީ ރައްޔިތުން އެންމެ ބޭނުންވާ އަދި ކޮންމެ ސަރުކާރެއްގައި ވެސް އެންމެ ބަލިކަށި އެއްދާއިރާ ކަމަށްވާ ސިއްހީ ދާއިރާ އިން ޕީޕީއެމުން ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކުގެ ތެރެއިން މިހާރު ކުރަން ފައްޓަވާފައިވާ ކަންތައް ފާހަގަކުރައްވާފަ އެވެ.
އެގޮތުން ކޮންމެ ރަށަކަށް ދިވެހި ޑޮކްޓަރަކާއި ނަރުހަކު ހަމަޖައްސައި ދިނުމަށް މާދަމާ 58 ދިވެހި ނަރުހުން ހޯދުމަށް އިއުލާން ކުރައްވާނެ ކަމަށާއި އައިޖީއެމްއެޗް އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހުޅުމާލެ ހޮސްޕިޓަލު ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ނައިބް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ބޭސް ލިބުމުގެ ދަތިކަން ބެޖެޓު ލިބުނުހާ އަވަހަކަށް ހަމަޖައްސައި ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.