ރާއްޖޭގެ ފަޅު ރަށްތަކުގެ ތެރެއިން މިހާރު ދޫކޮށްފައިވާ ރަށްތައް ހެދޭނެގޮތެއް ހައްދަވައި އިތުރަށް ހުރި ރަށްތައް ކުރީގެ ސަރުކާރުން ބެހި ބީދައިން ނުބެހުމަށް، އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމު އަހުމަދު އެދިވަޑައިގެންފި އެވެ.

ޕީޕީއެމަށް ވެރިކަން ލިބުމުގެ އުފަލުގައި "ޝުކުރިއްޔާ ގައުމު"ގެ ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމު ވިދާޅުވީ ރާއްޖޭގެ ރަށްތަކަކީ އަގު ބޮޑެތި ރަށްތަކެއް ނަމަވެސް އެ ރަށްތަކުގެ އަގު ގެއްލިއްޖެ ކަމަށާއި އެ ރަށްތަކުގެ އަގު އިޔާދަކުރުމަށް ރައީސް ޔާމީނަށް ނަސޭހަތްތެރިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއޭ. ރަށްތަކުގެ އަގު އަލުން އިޔާދަ ކުރަމާ ހިނގާށޭ. މިކަމެއް ނުކުރެވޭނޭ އަދިވެސް ބޭނުންހާ މީހަކަށް ރަށެއް ދޫކޮށްލީމަކާ. ރަށްތަކުގެ އަގު ދާނީ ދަށަށޭ. ރާއްޖޭގައި އިންވެސްޓް ކުރަން އަންނާނެ ބަޔަކު ނުވާނޭ. އެހެންވީމާ މިހާރު ދޫކޮށްފައިވާ ރަށްތައް ވެސް ހެދޭނެ ގޮތްތައް ހައްދަވައިގެން، އެކަން ނުވާ ނަމަ ހެދޭނެ ބަޔަކަށް ހެދޭނެ ގޮތެއް ހައްދަވައިގެން ނަމަވެސް މިހާރު ހުރި ރަށްތައް އަންބޮޑިއަށް ލާން ނުދެއްވައްޗޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ޕީޕީއެމް މިއަދު ވެރިކަމަށް އައިސްފައި މި އޮތީ ރިޔާސީ އިންތިހާބުގައި ޕާޓީއަކާ ވާދަކޮށްގެން ނޫން ކަމަށާއި ނަމަވެސް މުޅި ދުނިޔެއާއި ހަނގުރާމަ ކޮށްގެން ކަމަށެވެ. އެގޮތުން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލި ގޮވާލުންތަކަށް އިޖާބަދީ އެކަންކުރުމަކީ ގައުމަށް ގައްދާރުވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އިންތިހާބު އަޅުނގަޑުމެން ކާމިޔާބު ކުރީ މުޅި ދުނިޔެއާއި ހަނގުރާމަ ކޮށްގެން. އެގޮތުން ޔޫރަޕުގެ އިއްތިހާދު، މިހާރު 30 ގައުމު އެބަ އޮތް. ހަމައެއާ އެކު ކޮމަންވެލްތު، އަވަށްޓެރި އެތަށް ގައުމެއް، އެތަށް ޖަމާއަތްތަކެއް އަޅުނގަޑުމެންނާއި އިދިކޮޅަށް މިކަން ކާމިޔާބު ނުވުމަށްޓަކައި. 24 ގަޑިއިރު ޔޫއެންއިން ވެސް މަސައްކަތް ކުރަމުން އައީ މި މަސައްކަތް ކާމިޔާބު ނުކުރުމަށް،" ޝިޔާމު ވިދާޅުވި އެވެ.

ޝިޔާމުގެ މިރޭގެ ވާހަކަފުޅުގައި ޕީޕީއެމުގެ މެނިފެސްޓޯގައި ހުރި ކަންތައްތަކުގެ ތެރެއިން މިހާރު ފައްޓަވާފައިވާ އަދި ފައްޓަވަން ހުރި މަޝްރޫއުތަށް ވެސް ފާހަގަކުރެއްވި އެވެ.

އެގޮތުން ދިވެހި ތާރީހުގައި ދުވަހުކު ވެސް ރައީސަކު ޒުވާނުންނަށް ޓަކައި ހަރަދުކުރަން އަދި އޯގާތެރި ވެފައި ނުވާ ވަރަށް ރައީސް ޔާމީން އޯގާތެރިވެފައިވާ ކަމަށް ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ ތާރީހުގައި ދެވިފައިނުވާ އަޅާލުމާއި އޯގާތެރިކަން އަންހެން ކަބަލުންނަށް ދެއްވާނެ ކަމުގެ ޔަގީން ކަން ޔާމީން ދެއްވާފައިވާ ކަމަށެވެ.