25 Nov 2013, 00:26
ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައެއް ވަކިގޮތަކަށް ނިންމުމަށް ބާރުއެޅުމަކީ މިސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
"ޝުކުރިއްޔާ ގައުމު"ގެ ނަމުގައި ޕީޕީއެމާއި ގުޅިފައިވާ ޕާޓީތަކުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޝަރީއަތުގައި އޮތް މައްސަލައެއް ވަކިގޮތަކަށް ނިންމުމަށް މި ސަރުކާރުން ބާރުނާޅާނެ ކަމަށާއި އެހެންނަމަވެސް ޝަރީއަތުގެ މަރުހަލާގައި ހުރި މައްސަލަތައް އަވަހަށް ނިމެން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުގެ ސަރުކާރަކީ އެއްގޮތަކަށް ވެސް އަދުލުއިންސާފު ދާއިރާގައި ވަކި މައްސަލައެއް ވަކިގޮތަކަށް ނިންމާކަށް ބާރު އަޅާނެ މީހެއް ނޫން. އަޅުގަނޑުމެން އެކަމެއް ނުކުރާނަން. އެހެންނަމަވެސް މައްސަލަތައް އަވަސްވާން އެބަޖެހޭ. މިއީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް އެކަށައަޅާ ކަށަވަރުކޮށްދީފައި އޮތް ހައްގެއް. ފަރުދީ ހައްގެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ރައީސް ވަނީ ތަހުގީގު މަރުހަލާއަށާއި އަދި ޝަރުއީ މަރުހަލާއަށް ހުށަހެޅޭ މައްސަލަތައް ވީއެންމެ އަވަހަކަށް ނިންމަވައިދެއްވުމަށް ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސް ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ތަހުގީގު މަރުހަލާގައްޔާއި ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ.
"އަޅުގަނޑު މިރޭ ވެސް މި އިލްތިމާސްކުރަނީ އެ ކުއްޖެއްގެ އެމީހެއްގެ މައްސަލަ ވީއެންމެ އަވަހަކަށް ނިންމައިދޭށޭ. ދައުލަތުން އަޅުގަނޑުމެންނަށް ކޮށްދެވޭނެ ކަމަކީ މިކަންކަމަށް ބޭނުންވާ ވަސީލަތް ތިބޭފުޅުންނާ ހަމައަށް ފޯރުކޮށްދިނުމޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވަފާތެރިކަމާ އެކީ އަދި ގާނޫނު އަސާސީ ދެމެހެއްޓުމަށްޓަކައި ދައުލަތަށް ކިތަންމެ އިޚުލާސްތެރި މަސައްކަތެއް ކުރިނަމަވެސް "އަޅުގަނޑުމެންގެ މި މުޖުތަމައުގައި ނިންމާފަ އޮންނަ އަނިޔާވެރި ނިންމުމަށް" އެމީހަކު ގެއަށް ފޮނުވާލުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ކަމަށާއި ނަމަވެސް އެކަމާ ބެހޭގޮތުން އިތުރަށް އެމަނިކުފާނު އެއްޗެއް ދަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ.
އިތުބާރުނެތްކަމުގެ ވޯޓުނަގައި މިނިވަންމުއައްސަސާތަކުގެ އިސްވެރިން މަގާމުން ވަކިކުރައްވާއިރު އެބޭފުޅުން ކުރައްވާ ކުށެއް ފެންނަންޖެހޭނެ ކަމަށާއި ނަމަވެސް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ވިސްނުން ހުރީއެއާ އިދިކޮޅަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މިނިވަންމުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުންނަކީ ތަސައްރަފުފުދޭ ބަޔަކަށް ވާން އެބަޖެހޭ ކަމަށާއި އެހެންނޫނަމަ ސަރުކާރުން ގެންނަންބޭނުންވާ ޖުމްލަ ތަރައްގީ ރާއްޖެއަށް ނާންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ދައުލަތުން މި ޚިދުމަތްތައް ރައްޔިތުންނަށް ފޯރިކޮށްދޭން ބަލާއިރު އަދި އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހުރި ބޮޑެތި ކަންތައްތައް ރައްޔިތުންނާ ހަމައަށް ގެނެސްދޭން ބަލާއިރު އަޅުގަނޑުމެން ބޭނުންވޭ އަޅުގަނޑުމެންނާ ފައިތިލަ ހަމަކޮށް މުއައްސަސާތަކުން ހިންގަވަން. އެހެންނޫންކަމަށް ވަންޏާ މިދަންނަވާ ޖުމްލަ ތަރައްގީއެއް މި ރާއްޖެ އަކަށް ނާންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.