މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ޑީއާރްޕީން ބޭއްވި މުޒާހަރާގައި ފުލުހުން ނޫސްވެރިނަށް ހަމަލާދިން ކަމަށް ބުނާ މައްސަލަ ބެލުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން އިތުރު ކޮމެޓީއެއް އެކުލަވާލައިފި އެވެ.


ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސާ ޝަހިންދާ އިސްމާއީލު ވިދާޅުވީ އޮކްޓޫބަރު 25، 2010ގެ މުޒާހަރާގެ މައްސަލަތައް ތަހުގީގު ކުރުމަށް ކޮމިޝަނުން ކުރާ މަސައްކަތުގައި ހަތަރު މެންބަރުންގެ ކޮމެޓީއެއް އެކުލަވައިލުމަށް ފަހު ކޮމެޓީގެ ބެލުމުގެ ދަށުން މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކޮމެޓީއެއް އެކުލަވައިލީ މައްސަލައިގެ ބާވަތުން ކަމަށެވެ.  


"އަޅުގަނޑާ ހަމައަކަށް އަދި އެއްވެސް ނިންމުމެއް އެ ބޭފުޅުންނެއް ނުގެންނަވާ، އެކަމަކު ކޮމެޓީގެ މަސައްކަތް އެބަ ހިނގާ." ޝަހިންދާ ވިދާޅުވި އެވެ.


ނަމަވެސް އަލަށް އުފެއްދި ކޮމެޓީއަށް ކަނޑައެޅުއްވި ބޭފުޅުންގެ ނަމެއް އަދި އެއީ ކޮން މަގާމެއްގައި ތިއްބެވި ބޭފުޅުންނެއް ކަމެއް ޝަހިންދާ ވިދާޅެއް ނުވި އެވެ.


އޭނާ ވިދާޅުވީ އެ މުޒާހަރާއާ ބެހޭ ޝަކުވާގެ މައްސަލަ ލަސްވަމުން ދަނީ މައްސަލައާ ގުޅޭ ވަރަށް ގިނަ އަދަދެއްގެ ވީޑިއޯ ފުޓޭޖްތައް ހުރުމާ އެކު އެންމެ ތަންކޮޅެއް ވެސް ދޫކޮށް ނުލައި  ހުރިހާ ވީޑިއޯތަކެއް ބަލަން ޖެހޭތީ ކަމަށެވެ.


"ވަރަށް ބައިވަރު ފުޓޭޖް އެބަހުރި. ކޮންމެ ދުވަހަކު ވެސް ކޮމެޓީން ގެންދަނީ އެ ފުޓޭޖްތައް ބަލަމުން، އެންމެ ތަންކޮޅެއް ވެސް އަޅުގަނޑުމެން ދުލެއް ނުކޮށްލަން،" އޭނާ ވިދާޅުވި އެވެ.


"އުނބަށްޖެހި ވަޒީރުން"ގެ ނަމުގައި ޑީއާރްޕީން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ފަހުރޭގައި ފުލުހުންނާއި ނޫސްވެރިނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި ވަރަށް ގިނަ ނޫސްވެރިނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.