24 Nov 2013, 18:15
އައިޖީއެމްއެޗް އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން މިހާރު ހުޅުމާލޭގައި އަޅާފައިވާ ހޮސްޕިޓަލު ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ސިއްހީ ނިޒާމު ރަނގަޅު ކުރުމަށް ކަނޑައަޅުއްވާފައިވާ ކަންތައްތައް ފެށިފައިވާތީ އެކަމުގެ ތެރެއިން އައިޖީއެމްއެޗް ގެ ހާލަތު ބައްލަވާލެއްވުމަށްފަހު މީޑިއާ އާއި ބައްދަލުކުރައްވާ ނައިބު ރައީސް ވިދާޅުވީ އައިޖީއެމްއެޗް އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތަކުގެ ތެރެއިން ޖާގައިގެ ދަތިކަން އެތަނުގެ އަލަށް އިމާރާތް ކުރަމުންދާ ބައި ނިމުމުން ހައްލުވެގެންދާނެ ކަމަށެވެ.
"އެންމެ ބޮޑަށް މިފާހަގަކުރެވެނީ ހޮސްޕިޓަލަށް ދަތިނުވާ ގޮތަށް މެޑިކަލް ސަޕްލައިގެ ކަންތައް ހަމަޖެހިގެންދިއުން. އެކަން ހައްލުކުރެވޭނެ. ޖާގައިގެ ދަތިކަމަށް އަންނަ އަހަރުގެ ބަޖެޓާއި އެކުގައި މިހާރު އިމާރާތް ކުރުމަށް ފަށާފައިވާ އިމާރާތް ނިއްމާލުމާއި އެކީގައި ލުއިތަކެއް ލިބޭނެ ކަމަށް. އޭގެ އިތުރުން ހުޅުމާލޭގައި ހުރި ހޮސްޕިޓަލު ކުރިއަށް އޮތް ދެތިން ހަތަރު މަހުގެ ތެރޭގައި އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށާނެ،" ނައިބް ރައީސް ވިދާޅުވި އެވެ.
ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާ ކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ކުރިންވެސް ހިލޭ ބޭސްފަރުވާ ކުރެވޭ "އާސަންދަ" ނިޒާމުގެ އަމަލީ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ފާހަގަކުރައްވާ އެކަންތައްވެސް އަންނަ އަހަރުގެ ބަޖެޓާއި އެކުގައި ކުރިއަށްދާނެ ކަމަށް ވިދާޅުވެފަ އެވެ.
ނައިބް ރައީސް ވިދާޅުވީ ޕީޕީއެމުގެ މެނިފެސްޓޯގައިވާ ކަންތައްތަކުގެ ތެރެއިން މުސްކުޅިންނަށް ކިއުގައި ނުޖެހި ބޭސްފަރުވާގެ ނިޒާމު އައިޖީއެމްއެޗް އިން މިހާރު ލިބިގެންދާނެ ކަމަށާއި ސިއްހީ ދާއިރާއަށް ބޭނުންވާ ދިވެހި ފަންނީ ނަރުހުންނާއި ޑޮކްޓަރުން ތަމްރީން ކުރުމުގެ މަސައްކަތްވެސް ފެށިފައިވާ ކަމަށެވެ.
އެގޮތުން ސަރުކާރުގެ މެނިފެސްޓޯގައި ބުނެފައިވާ ސިއްހީ ހިދުމަތްދޭ މުއައްސަސާތަކުގައި ދިވެހި މުވައްޒަފުން އިތުރުކުރަން މާދަމާ 58 ދިވެހި ނަރުހުން ހޯދަން އިއުލާންކުރާނެ ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.