24 Nov 2013, 17:34
މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސްޓޭޝަންގައި ހުޅުޖެހި މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ހަތަރު ކުދީންގެ މައްޗަށް އެ ދައުވާ ސާބިތުކުރުމަށް ފޮޓޯތަކާއި ވީޑިއޯ ފްޓޭޖްތަކެއް ޝަރީއަތަށް ހުށަހަޅައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ ކުރިން ހަމަޖެހިފައި އޮތީ މިއަދު ބާއްވާ ޝަރީއަތުގެ މަޖިލީހުގައި ޚުލާސާ ބަޔާން ހުށަހަޅާ ގޮތަށް ކަމަށާއި ނަމަވެސް ފޮޓޯތަކާއި ވީޑީއޯ ފްޓޭޖް ހުށަހެޅަން ބޭނުންވާ ކަމަށް ދައުލަތުން ބުނެފައި ވާތީ ޝަރީއަތުން މިއަދު އެ ފުރުސަތު ދިނީ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފޮޓޯތަކާއި ވީޑިއޯ ފްޓޭޖްގެ އިތުރުން ކްރައިމް ސީން އެގްޒަމިނޭޝަން ރިޕޯޓު ދައުލަތުން ހުށަހަޅާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ ދެންބާއްވާ ޝަރީއަތުގެ މަޖިލީހުގައި އޮންނާނީ ފޮޓޯތަކާއި ވީޑިއޯ ފްޓޭޖް ބެލުންކަމަށެވެ.
މިހާރު އުމުރުން 18 އަހަރު ފުރިފައިވާ އެ ހަތަރު ކުދީންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ އެ ހަތަރުކުދީން އިތުރު ބަޔަކާ އެކު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހުގެ ހަވީރު 4:30 އާއި ރޭގަނޑު 8:30އާ ދެމެދުގެ ވަގުތެއްގައި ތިނަދޫ ޕޮލިސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ ޕޮލިސްޓޭޝަންގެ އިމާރާތަށާއި މުދަލަށް ގެއްލުންދީފައިވާ ކަމަށެވެ.
އެ ހަތަރު ކުދީން ދައުވާ އަށް އިންކާރުކުރުމާ ގުޅިގެން ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ވެސް މިހާރު ވަނީ ނަގާފަ އެވެ. އަދި ދައުވާ އަށް އިންކާރުކޮށް ޓެރަރިޒަމްގެ އަމަލެއް ހިންގާފައިނުވާ ކަމަށް ބުނެ އެކަން ސާބިތުކޮށް ދިނުމަށް އެ ހަތަރު ކުދީން ހުށަހެޅި ހެކީންގެ ހެކިބަސް ވެސް މިހާރު ވަނީ ނަގާނިމިފަ އެވެ.
ތިނަދޫ ޕޮލިސްޓޭޝަންގެ އިމާރާތުގެ އިތުރުން އެތަނުގައި ބޭނުންކުރި ހުރިހާ ވެހިކަލްތަކާއި އަދި ގދ. އަތޮޅު ކައުންސިލް އިދާރާ އާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި ހުޅުޖަހައި ވަނީ އަންދާލާފަ އެވެ.