ގާހިރާ (ނޮވެމްބަރު 24): މިސްރުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވަން ގަސްދު ކުރައްވާކަމަށް އެގައުމުގެ ދިފާޢީ ވަޒީރު ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ ފުރަތަމަ ފަހަރަށް ވިދާޅުވެއްޖެ އެވެ.

ކުވައިތުގެ "އައްސިޔާސަތު" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޖެނެރަލް ސީސީ ވިދާޅުވީ ރައްޔިތުން އެދޭ ނަމަ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މިސްރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވަން ތައްޔާރަށް ހުންނެވި ކަމުގަ އެވެ. ޖެނެރަލް ސީސީއަކީ މިސްރުގެ ރައްޔިތުންގެ ތަނަވަސް އަޣްލަބިއްޔަތަކުން މިދިޔަ އަހަރު އިންތިޚާބުކުރި ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް މިސްރުގެ ސިޔާސީ ބައެއް ފަރާތްތަކާއި ލާދީނީ ޚިޔާލުގެ ޕާޓީތައްއިސްކޮށް ތިބެގެން ގެނައި ޢަސްކަރީ އިންގިލާބުގެ ލީޑަރުގެ ގޮތުގައި ފާހަގަކުރެވޭ ފަރާތެވެ.

މަގާމުން ދުރުކޮށްފައިވާ ޑރ. މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލް މުސްލިމީން ޖަމާއަތާ އިދިކޮޅު ލާދީނީ ފިކުރުގެ ޕާޓީތަކާއި މިސްރުގެ ސިފައިން ގުޅިގެން މިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހުގެނައި ޢަސްކަރީ އިންގިލާބުގައި މުރުސީގެ ވެރިކަން ވައްޓާލައި ސިފައިންގެ ބެލުމުގެ ދަށުގައި އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. މިއިންގިލާބުގައި ޑރ. މުރުސީގެ ވެރިކަން ވައްޓާލުމުގެ އިތުރުން މުރުސީ އާއި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާން ޖަމާއަތުގެ އިސްލީޑަރުން ހައްޔަރުކޮށް އެ ޖަމާއަތުގެ ބާރާއި ނުފޫޒު މިސްރުގެ ސިޔާސީ ދާއިރާ އިން ކަނޑުވާލުމަށް މިސްރުގެ ސިފައިންނާއި ސިފައިންގެ ބެލުމުގެ ދަށުން ހިނގަމުންދާ މިސްރުގެ ވަގުތީ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށް އިޚްވާން ޖަމާއަތުން ބުނެ އެވެ.

މިކަންތައްތަކުގެ ސަބަބުން މިސްރުގެ ލާދީނީ ފިކުރުގެ މީހުންނާއި ލާދީނީ ޕާޓީތަކުގެ ތާއީދު ޖެނެރަލް ސީސީ އަށް ވަނީ ލިބިވަޑައިގެންފައި ވާތީ މިސްރުގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގަތުމުގެ ފުރްސަތު ޖެނެރަލް ސީސީ އަށް ބޮޑުކަމަށް އޭނާ އަށް ތާއީދުކުރާ ފަރާތްތަކުން ދެކެ އެވެ. ޖެނެރަލް ސީސީ އިސްކޮށް ހުންނަވައިގެން ގެނައި ޢަސްކަރީ އިންގިލާބަށް ފަހު މިސްރަށް ހަމަޖެހުން އައުމުގެ ބަދަލުގައި ހަމަނުޖެހުންތައް ވަނީ އިތުރުވެގެން ގޮސްފަ އެވެ. މިސްރުގެ އެކިކަންކޮޅުތަކުގައި ކޮންމެ ދުވަހަކު ޢަސްކަރީ އިންގިލާބާ ދެކޮޅަށް މުޒާހަރާތައްކުރަމުން ގެންދާ އިރު އެ މުޒާހަރާތަކުގެ ޝިޢާރަކީ މަގާމުން ދުރުކޮށްފައިވާ ކުރީގެ ރައީސް ޑރ. މުރުސީ އަލުން ވެރިކަމަށް އިޢާދަކޮށްދިނުމެވެ.

ކުވައިތުގެ "އައްސިޔާސަތު" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޖެނެރަލް ސީސީ ވިދާޅުވީ މިސްރުގެ ރިޔާސަތަށް ކުރިމަތިލެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފި ނަމަ މިސްރަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރެއްވޭނެ ކަމުގެ ޔަގީންކަން ބޮޑުކަމުގަ އެވެ. ޢަސްކަރީ އިންގިލާބަށް ފަހު މިސްރުގައި އުފައްދާފައިވާ ވަގުތީ ސަރުކާރުން ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ކުރިން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރްސަތު ހުޅުވާލާނެކަން އިޢްލާންކޮށްފަ އެވެ. ނަމަވެސް މިއިންތިޚާބަށް ކުރިމަތިލައްވާނެކަން މިސްރުގެ ސިޔާސީ އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ.

ނަވާރަސަތޭކަ ފަންސާސް ދެވަނަ އަހަރު ޖަމާލު ޢަބްދުއްނާސިރު އިސްކޮށް ހުންނަވައިގެން ގެނައި ޢަސްކަރީ އިންގިލާބުގައި މިސްރުގެ ރަސްކަމުގެ ނިޒާމު ވައްޓާލުމަށް ފަހު މިދިޔަ އަހަރު މިސްރުގެ ރައީސް ކަމަށް ޑރ. މުރުސީ އިންތިޚާބުވެ ވަޑައިގެންނެވުމާ ހަމައަށް އެގައުމުގައި ވެރިކަން ކުރަމުން ގެންދެވީ ޢަސްކަރީ ބޭފުޅުންނެވެ. މިގޮތުން ޖަމާލް ޢަބްދުއްނާސިރާއި އަންވަރުއްސާދާތާ އަދި ޙުސްނީ މުބާރަކަކީ ވެސް ޢަސްކަރީ ބޭފުޅުންނެވެ. ކުރިޔަށް އޮތް އިންތިޚާބުގައި މިސްރުގެ ވެރިކަމަށް ޖެނެރަލް ސީސީ އިންތިޚާބުވެވަޑައިގެންފި ނަމަ މިސްރުގެ ވެރިކަން އަނެއްކާ ވެސް ޢަސްކަރީ ޖެނެރަލުންގެ އަތްމައްޗަށް ދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. (އަލްޖަޒީރާ)