ރިޔާޟް (ނޮވެމްބަރު 24): ގަލްފުގެ ތިން ގައުމު ކަމަށްވާ ސައޫދީ އަރަބިޔާ، ކުވައިތު އަދި ޤަތަރުގެ އެންމެ އިސްވެރިން ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒްގައި ކުއްލި ސަމިޓް ބައްދަލުވުމެއް ބާއްވައިފި އެވެ.

މި ސަމިޓްގައި ބައިވެރިވެ ވަޑައިގެންފައި ވަނީ ސައޫދީ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްއަޒީޒް އާއި ކުވައިތު އަމީރު އައްޝައިޚް ސަބާޙުލްއަޙްމަދާ އަދި ޤަތަރުގެ އަމީރު އައްޝައިޚް ތަމީމް ބިން ޙަމަދު އާލްޘާނީ އެވެ. މިތިން ބޭފުޅުންގެ މަޝްވަރާތައް ބިނާކުރެއްވީ ސޫރިޔާގެ މައްސަލައާއި އީރާނުގެ ނިއުކްލިޔާ މައްސަލައާ އަދި ފަލަސްތީނުގެ މައްސަލައިގެ އިތުރުން މިތިން ގައުމުގެ ދެމެދުގައިވާ ގުޅުންތައް އިތުރަށް ބަދަހި ކުރުމާބެހޭގޮތުންނާ އަދި ގަލްފު ކޯޕަރޭޝަން ކައުންސިލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން ކަމަށް ސައޫދީ ރަސްމީ ނޫސްއެޖެންސީ ބުނެ އެވެ.

ސައޫދީ އަރަބިޔާ، ކުވައިތު އަދި ޤަތަރުގެ އެންމެ އިސްވެރިންގެ މިސަމިޓް ކުރިޔަށް ގޮސްފައި ވަނީ އިއްޔެ ހެނދުނުން ހަވީރަށެވެ. މިއީ ކުރިން އިޢްލާންކުރުމެއް ނެތި ކުއްލި ގޮތަކަށް ބޭއްވި އިސްތިސްނާ ސަމިޓެއް ކަމަށާއި މިސަމިޓް ބާއްވާފައި ވަނީ ގަލްފުގެ ސަރަހައްދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅިގެން ކަމަށްއަލްޖަޒީރާ ބުނެ އެވެ. (އަލްޖަޒީރާ)