24 Nov 2013, 15:14
ތ. ގާދިއްފުށީގައި މިސްކިތެއް އެޅުމުގެ މަސައްކަތް 3.1 މިލިއަން ރުފިޔާ އަށް އަމިއްލަ ބަޔަކާ ހަވާލުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެ ރަށުގައި މިސްކިތެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސްޕީޑް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާ ކަމަށާއި މި މިސްކިތަށް ހަރަދު ކުރުމަށް ހަމަޖައްސާފައި ވަނީ އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ މިސްކިތު ފަންޑުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ކަމަށެވެ.
ސަތޭކަ ފަންސަވީސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ އެ މިސްކިތް ސްޕީޑް ކޮންސްޓަރަކްޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.
އެ މިސްކިތަކީ 304 މީހުން ޖާގައިގެ މިސްކިތެއް ކަމަށާއި މިސްކިތް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ އެފްރީލް މަހުގެ ނިޔަކަށް ނިންމަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ގާދިއްފުށީ ފިރިހެނުން ނަމާދު ކުރަމުން ގެންދިޔަ މިސްކިތުގެ ތެރެއިން ގަބުރު ފެނިގެން 2009ގައި އެ މިސްކިތް ބަންދުކުރުމަށް ފަހު، އެ ރަށު ފިރިހެނުން ނަމާދު ކުރަމުން ގެންދަނީ އަންހެނުންގެ މިސްކިތުގަ އެވެ.
އާބާދީގައި 675 މީހުން ދިރިއުޅޭ ގާދިއްފުށީގައި އާ މިސްކިތެއް އެޅުމަށް ސަރުކާރުން ހަމަޖައްސާފައި މިވަނީ އެ ރަށުގައި މިހާރު ހުރި މިސްކިތް ބާވެ ޖާގައިގެ ދަތިކަން ވެސް ކުރިމަތިވެފައިވަނިކޮށެވެ.