ޕަވާ ހޯސް ގައުމީ ވޮލީބޯޅަ ލީގުގައި އިއްޔެ ކުޅުނު މެޗުތަކުން ޕޮލިސް ކުލަބާއި ކުލަބް ޕީކޭ މޮޅުވެއްޖެ އެވެ.

މި މުބާރާތުގެ ކުޅުން މިހާތަނަށް އާއިރު، ކުލަބް ޕީކޭ އޮތީ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ދެ ވަނަ ޓީމުގެ ގޮތުގައި އޮތީ ޕޮލިސް ކުލަބެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުން ކުލަބް ޕީކޭ މޮޅުވީ ޔޫތު ސްޕޯޓްސް ކުލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ޕީކޭ އިން ގެންގޮސްފައި ވަނީ 25-20، 29-27 އަދި 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ހޮވުނީ ޕީކޭގެ ބިދޭސީ ކުޅުންތެރިޔާ ސްރީލަންކާގެ ޖަނިތަ ސޫރަތެވެ.

މުބާރާތުގައި އިއްޔެ ޕޮލިސް ކުލަބް ކުޅުނު މެޗުން މޮޅުވީ ދިވެހި ސިފައިންގެ ކުލަބާ ވާދަކޮށް 3-1 ސެޓުންނެވެ. އިއްޔެގެ މެޗުގެ ފުރަތަމަ ސެޓް ކާމިޔާބު ކުރީ ސިފައިންގެ ކުލަބެވެ. އެއީ 25-20 އިންނެވެ. ދެ ވަނަ ސެޓް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 19-25 އިން ނެވެ. ތިން ވަނަ ސެޓް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 21-25 އިންނެވެ. އަދި ހަތަރު ވަނަ ސެޓް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 16-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބުގެ ބިދޭސީ ކުލުންތެރިޔާ އިންޑިއާގެ ޕްރަބްހާ ގަރަން އެވެ.

މި މުބާރާތުގައި މިއަދު ހަވީރު 4:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރަނީ ކްލަބް ޕީކޭ އާއި ދިވެހި ސިފައިންގެ ކްލަބެވެ. އަދި މިރޭ 8:30 ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޮލިހާއި ޔޫތު ސްޕޯޓްސް ކްލަބެވެ.